“ދިވެހި ވަތަނީ ހިދުމަތް” ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފި އެވެ.
ދިފާއީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު އިތުރުކޮށްދިނީ ވީހާވެސް ގިނަ ޒުވާނުންނަށް މި ފުރުސަތުގެ ބޭނުން ހިފުމަށް މަގުފަހިކޮށްދިނުމުގެ މަގްސަދުގައެވެ. އާ އިއުލާނާއެކު، މިހާރު ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މާދަމާ މެންދުރުފަހު 14:00 އެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުން، ބެޗުން 344 ޒުވާނުން ތަމްރީނުވެ މިދިޔަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހު ދަސްވެނިވެފައި ވެއެވެ.
މީގެ ތެރެއިން ހޮވުނު 65 ކުދިން ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުތައް މި އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބ.އަތޮޅު ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރުގައި ދަނީ ކުރިއަށެވެ. އަދި ފަންނީ ތަމްރީނަށް ނުހޮވުނު 241 ޒުވާނުންނަށް ސަރުކާރުން ވަޒީފާ ވަނީ ހަމަޖައްސައިދީފަ އެވެ. އަދި ދެވަނަ ބެޗްގެ ތަމްރީނުތައް މިހާރު ދަނީ ކުރިއަށެވެ.
ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ސަރުކާރުން، ދިވެހި ޒުވާނުންގެ މެދުގައި ގައުމީ ލޯބި އިތުރުކުރުމަށާއި، އަދަބު އަހުލާގު ހުރި، މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ފަށާފައިވާ މުހިންމު މަޝްރޫއެކެވެ. މި ޕްރޮގްރާމުގެ ތެރެއިން ޒުވާނުންނަށް އަސްކަރީ ތަމްރީނުތަކުގެ އިތުރުން ދިރިއުޅުމުގެ އެކި ހުނަރުތަކާއި، ވަތަނިއްޔަތާއި ގުޅޭ މައުލޫމާތުތައް އުނގަންނައިދެވޭނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން، ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ދިފާއީ ވުޒާރާއަށް ފޯމު ހުށަހެޅުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.