ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް އޮފިސަރު ޓްރެއިނީން ހޯދަން އިއުލާންކޮށްފި އެެވެ.
އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ކުރި އިއުލާނެއްގައި ބުނީ ހަނިމާދޫ އެއާޕޯޓަށް 10 އެވްސެކް ޓްރޭނީ އަންހެން އޮފިސަރުން ބޭނުންވާ ކަމަށެވެ. މި މަގާމުތަކަށް ޝައުގުވެރިވާ މީހުން މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިވަނީ ހުޅުވާލައިފަ އެވެ. ވަޒީފާއަށް އެދި ހުށަހަޅަން ޖެހޭނީ ހުޅުލޭގައި ހުންނަ ހެޑްކުއާޓާއަށެވެ.
އީމެއިލް މެދުވެރިކޮށްވެސް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް career@avsecom.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެ އެވެ.
މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ސާނަވީ އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން “ސީ” ފާސް ލިބިފައިވުމާއެކު، ދިވެހިން “ސީ” ފާސް ލިބިފައިވުން ނުވަތަ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސަނަދެއް ހާސިލްކޮށްފައިވުން ހިމެނެ އެވެ.
މި މަގާމުގެ އަސާސީ މުސާރައަކީ މަހަކު 7،670ރ. އެވެ. މީގެ އިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 2،300ރ. ލިބޭނެއެވެ. އަދި ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް ހާޒިރީ ފައިސާގެ ގޮތުގައި 160ރ. ލިބޭނެއެވެ. މީގެ އިތުރުން ޕެންޝަން ކޮންޓްރިބިއުޝަނާއި އިތުރުގަޑީގެ ފައިސާވެސް ލިބޭނެއެވެ.