ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، ސަރުކާރު ހިންގާ ޕީއެންސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ.
މި އިންތިހާބުގައި އެމްޑީޕީގެ ވަރުގަދަ މެޖޯރިޓީ އޮތް ބައެއް ރަށްތަކުގެ ކޮންޓްރޯލް އެ ޕާޓީއަށް ވަނީ ގެއްލިފައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 253,714 މީހުންގެ ތެރެއިން ޖުމްލަ 214,898 މީހަކު ވަނީ ވޯޓުލާފަ އެވެ.
ކައުންސިލްތަކުގެ ރައީސުން އިންތިހާބުވުން:
މި އިންތިހާބުގައި ރަށްރަށުގެ ކައުންސިލް ރައީސުންގެ ގޮނޑިތައް ކާމިޔާބު ކުރެއްވި ބައެއް ކެންޑިޑޭޓުންނަކީ:
- ލ. ފޮނަދޫ: ޕީއެންސީގެ އަހްމަދު ރިޔާޒް (900 އަށް ވުރެ ގިނަ ވޯޓު).
- ގދ. ފިޔޯރީ: އަބްދުﷲ މުބާހު (468 ވޯޓު).
- ކ. ވިލިމާލެ: އިބްރާހީމް ސަމާހް (800 އަށް ވުރެ ގިނަ ވޯޓު).
- އއ. ތޮއްޑޫ: ޕީއެންސީގެ އާދަމް ނަވީން (604 ވޯޓު).
- ކ. މާފުށި: އަލީ ޝަމޫން (660 އަށް ވުރެ ގިނަ ވޯޓު).
މީގެ އިތުރުން، އެމްޑީޕީގެ ބޮޑު އަގުލަބިއްޔަތެއް އޮންނަ އއ. އުކުޅަހާއި ރަސްދޫގެ ކައުންސިލްތަކުގެ ހުރިހާ ގޮނޑިއެއް ވެސް ޕީއެންސީން ވަނީ ކާމިޔާބުކޮށްފަ އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާގެ މަގާމުތަކަށް އިންތިހާބުވީ ހުސް ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އެއީ:
- ލ. ފޮނަދޫ:އައިޝަތް ރިސްމާ (889 ވޯޓު).
- ގދ. ފިޔޯރީ: މަރިޔަމް ޝިފާނާ (529 ވޯޓު).
- ކ. ވިލިމާލެ: އައިޝަތް ސަޖިދާ (601 ވޯޓު).
- އއ. ތޮއްޑޫ: އައިމިނަތު ސިމްލާ (654 ވޯޓު).
- ކ. މާފުށި: ސަމްސީނާ މުހައްމަދު (601 ވޯޓު).
ތޮއްޑޫގެ ކައުންސިލް މެންބަރު ކަމުގެ ގޮނޑިތައް ވެސް ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އެއީ މަރިޔަމް ސުޒީ (އަންހެން މެންބަރު)، މޫސާ އަނިލް އަދި އަލީ ރިޝާން އެވެ. އަދި އެ ރަށު އަންހެނުންގެ ކޮމިޓީގެ ހުރިހާ ގޮނޑިއެއް ވެސް ކާމިޔާބު ކުރީ ޕީއެންސީގެ އައިމިނަތު އިފްނާ، ނަބީލާ އާދަމް އަދި ހާއްވާ މަލީސާ އެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނު ފަހުން އެމްޑީޕީއަށް އަބަދުވެސް ބޮޑު ތާއީދެއް އޮންނަ އުކުޅަހުންވެސް ވަނީ ބޮޑު ކާމިޔާބީއެއް ހޯދައި، ކައުންސިލްގެ ރައީސް ކަމުގެ ގޮނޑި ހިމެނޭހެން ގިނަ މަގާމުތަކެއް ކާމިޔާބުކޮށްފަ އެވެ. އެގޮތުން ކައުންސިލްގެ ރައީސް ކަމަށް ޕީއެންސީގެ އަލީ ވަހީދު އިންތިހާބުވީ ހަތަރުވަނަ ދައުރަކަށް ކުރިމަތިލެއްވި އެމްޑީޕީގެ ޝައުކަތު ބަލިކުރުމަށްފަހުއެވެ. މީގެ އިތުރުން ކައުންސިލް މެންބަރު ކަމާއި، އަންހެނުންގެ ހާއްސަ ގޮނޑި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމު ވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެންމެ ގޮނޑިއެކެވެ.
އަދި ހަމައެއާއެކު ދަނގެތި ދާއިރާގެ 20 ގޮނޑި ޕީއެންސީއަށް، އެމްޑީޕީއަށް ލިބުނީ އެންމެ 7 ގޮނޑިއެވެ. ރ. ފައިނުގެ ހުރިހާ ގޮނޑިއެއް ޕީއެންސީން ކާމިޔާބުކޮށްފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސަކަށް އިންތިހާބުވެވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓު އާމިނަތު ޒުދުނާއެވެ. އެ ކޮމިޓީގެ މެމްބަރު ކަމަށް އިންތިހާބުވެވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓު ސާރާ އިބްރާހިމާއި ޕީއެންސީގެ ކެންޑިޑޭޓު ހަފީޒާ އިބްރާހިމް މަނިކެވެ.
އަދި ތ.ގުރައިދޫ އާއި ނަރުދޫ ހިމެނޭހެން ރާއްޖޭގެ ގިނަ ރަށްތަކުން ޕީއެންސީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
މި އިންތިހާބުގެ ނަތީޖާއާއެކު، ސަރުކާރަށް ރައްޔިތުންގެ ބޮޑު ތާއީދެއް އޮތްކަން ހާމަވެގެން ގޮސްފައިވާއިރު، މިއީ އެމްޑީޕީއަށް ކުރިމަތިލާން ޖެހުނު ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ސިޔާސީ މާހިރުން ބުނެއެވެ.