ލޭގެ އާންމު ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ މަގުސަދުގައި ސަރުކާރުން އިފްތިތާހުކުރި “މާލެ ޓެކްސީ” ލައިނުގެ ޚިދުމަތަށް އާންމު ރައްޔިތުންގެ ފަރާތުން ބޮޑު ތާއީދެއް ލިބެމުންދާކަން ހާމަވެއްޖެ އެވެ.
ރޭ އިފްތިތާހުކުރި މި ޚިދުމަތުގައި ބޭނުންކުރާ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް (އީވީ) ކާރުތަކާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށްފަހު އެމްޓީސީސީން އާންމުކުރި ވީޑިއޯއެއްގައި ރައްޔިތުން ވަނީ މި މަޝްރޫއާ މެދު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ފާޅުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދެއްކި ބައެއް އާންމުން ބުނެފައިވަނީ، މާލޭގައި ޓެކްސީ ނުލިބުމުގެ މައްސަލައަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
“މި ކާރުތަކަކީ މާލޭގެ ހަނި މަގުތަކަށް ފަސޭހައިން ވަދެވޭ ގޮތަށް ހުރި ކުދި ކާރުތަކަކަށް ވުމީ ލިބޭ ވަރަށް ބޮޑު ފަސޭހައެއް. މިފަދަ ޚިދުމަތެއް ފެއްޓެވީތީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރަން،” އާންމު ރައްޔިތަކު ބުންޏެވެ.
އަދި މިއީ ރައްޔިތުން ވަރަށް ގިނަ ދުވަހު އިންތިޒާރުކުރި ޚިދުމަތެއްކަން ވެސް ގިނަ ބަޔަކު ފާހަގަކުރިއެވެ.
“އަޅުގަނޑަށް ފެންނަ ގޮތުގައި މިހާރު މާލޭގައި ގިނަ ފަހަރަށް މިއޮންނަނީ ޓެކްސީ ނުލިބިފަ. އެހެންވީމާ މި ޓެކްސީތައް ތައާރަފްވީމާ އާންމު ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް މީ އަސްލުގަ. ވަރަށް ބޮޑު ފަސޭހަ ލުއި ކަމަކަށް ވާނެ. ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިކަމާ ދޭތެރޭގައި.” އެހެން މީހަކު ބުންޏެވެ.
މި ހިދުމަތަށް ރައްޔިތުން ވަރަށް ގިނަ ދުވަހު އިންތިޒާރުކުރަމުން އައިއިރު، މިއީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ލުއި ފަސޭހަ ކަމެއް ކަމަށާއި ރައްޔިތުން ތިބީ ސަރުކާރާމެދު ހިތްހަމަ ޖެހިފައި ކަމަށް އާަންމުން ވަނީ ބުނެފައެވެ.
“އަސްލު ވަރަށް ރަނަޅު ޓެކްސީ ލައިން ތައާރަފްކުރީމާ، އަޅުގަނޑު އުއްމީދުކުރަނީ ވަރަށް ރަނގަޅުވާނެ ކަމަށް. މީ ރައްޔިތުންނަށް ވަރަށް ފައިދާހުރި ވަރަށް ރަނގަޅު ކަެއް، ވަރަށް ގިނަ ދުވަސްވެއްޖެ އަޅުގަނޑުމެން މިކަމުގެ އިންތިޒާރުގައި ތިބޭތާ.” އެހެން މީހަކު ބުންޏެވެ.
އެމްޓީސީސީން މިއަދު ހާމަކުރި ގޮތުގައި، މި ޚިދުމަތަށް ޚާއްސަކޮށްފައިވާ 150 ކާރުގެ ތެރެއިން ‘ލުމިން’ މޮޑެލްގެ ދެ ޓެކްސީއެއް މިހާރު ވަނީ ވިލިމާލެއަށް ވެސް ފޮނުވާފައެވެ.
މި ޓެކްސީ ލައިނުގެ ޚިދުމަތް މިއަދުން ފެށިގެން މި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ފޯރުކޮށްދޭން ނިންމާފައި ވަނީ މުޅިން ހިލޭއެވެ. އެމްޓީސީސީން ވިދާޅުވި ގޮތުގައި، ޚިދުމަތުން އަގު ނަގަން ފެށުމުގެ ކުރިން ހިލޭ ދަތުރުކުރެވޭ މުއްދަތެއް ކަނޑައެޅީ، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ މަގްސަދުގައެވެ.
” ސަރުކާޜުގެ ޓެކްސީ ލައިންގެ ހިދުމަތަކީ އަޅުގަނޑުމެން ވަރަށް އުފަލާއެކީ ބަލައިގަންނަ ކަމެއް. ވަރަށް ރަނގަޅު ކަމެއް އެއީ ސަރުކާރުން ކޮށްދިން.” އެހެން މީހަކު ބުންޏެވެ.
ހިލޭ ދަތުރުތައް ފެށުމާއެކު ގިނަ ބަޔަކު މި ޚިދުމަތަށް އެދެމުންދާތީ، ކިޔޫ ލިސްޓު ދިގުވުމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރި ނަމަވެސް، އެމްޓީސީސީން ބުނީ ކިޔޫ ދިގުވަނީ ޚިދުމަތަށް އޮތް ބޮޑު ތާއީދެއްގެ ސަބަބުން ކަމަށެވެ. މި މުއްދަތުގައި 1655 ހޮޓްލައިން މެދުވެރިކޮށް ދަތުރު ބުކްކުރުމުގެ ފުރުސަތު މިހާރު ވަނީ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިފައެވެ.
މި މަޝްރޫއުގެ ދަށުން ޖުމްލަ 150 ކާރު ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރޭގައި ތިން މޮޑެލްއެއްގެ ކާރު ހިމެނެއެވެ. އެއީ ޗަންގަން ލުމިން، ޗަންގަން ޑީޕަލް އެސް05 އަދި ޗަންގަން ޑީޕަލް އެސް07 އެވެ. މީގެ ތެރެއިން ޗަންގަން ލުމިން މޮޑެލްއަކީ ތިން މީހުންގެ ޖާގައިގެ، މާލޭގެ ހަނި ގޯޅިތަކަށް ވަދެވޭ ގޮތަށް ފަރުމާކޮށްފައިވާ ކުދި ކާރުތަކެކެވެ.
ސަރުކާރުގެ މި އައު އިސްނެގުމާއެކު، މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ރައްޔިތުން އުއްމީދު ކުރެއެވެ.