ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާއި، ލޯކަލް ކައުންސިލް އިންތިހާބުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާއިރު، ވޯޓުލާ ގަޑި ހަވީރު 5 އަށް އިތުރުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނި ގޮތުގައި، ވޯޓުލާ ގަޑި މިހާރު ވަނީ މިއަދު ހަވީރު 5:00 އާ ހަމައަށް އިތުރުކޮށްފައެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމުލަ 294,876 މީހުންނަށް ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 150,370 ފިރިހެނުންނާއި 144,506 އަންހެނުންނެވެ.
މި އިންތިހާބުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 131,947 މީހުން ވޯޓު ލާފައިވެއެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 44.75 އިންސައްތައެވެ. އަދިވެސް 162,929 މީހުން ވޯޓު ނުލާ އެބަތިއްބެވެ. އެއީ ޖުމުލަ އާބާދީގެ 55.25 އިންސައްތައެވެ.
ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި އީސީން ވަނީ ޖުމުލަ 588 ވޯޓު ފޮށި ބަހައްޓާފައެވެ. މީގެ ތެރޭގައި މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި އަދި އަތޮޅުތަކުގައި 322 ފޮށި ހިމެނެއެވެ. މީގެ އިތުރުން ރިސޯޓުތަކުގައި 21 ފޮށި އަދި ޖަލުތަކުގައި 5 ފޮށި ވަނީ ބަހައްޓާފައެވެ.
މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 މެންބަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. މީގެ ތެރޭގައި 132 ރަށަކަށް ތިން ކައުންސިލަރުން އަދި 46 ރަށަކަށް ފަސް ކައުންސިލަރުން އިންތިހާބު ކުރުން ހިމެނެއެވެ.
މިއަދު3 ޖެހުމާ ހަމައަށް އިންތިހާބުގައި މިހާތަނަށް 131،947 މީހުންވަނީ ވޯޓު ލައިފައެވެ. އެއީ 44.75 ޕަސަންޓް. ވޯޓު ނުލާ ތިބި މީހުންގެ އަދަދަކީ 162،929. އެއީ 55.25 ޕަސަންޓެވެ.
އިންތިހާބުގެ ތެރެއިން ބައެއް ހަމަނުޖެހުންތައް ވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން ގައްދޫގައި ވޯޓުލުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިފައެވެ. މިކަން ދިމާވީ މާލޭގައި ހުރި ގައްދޫގެ ވޯޓު ފޮށި ބަހައްޓާފައި ހުރި ގޮތާ މެދު އުފެދުނު ހިޔާލުތަފާތުވުމެއްގައެވެ. އީސީން އެ ފޮށި އަނބުރާލުމާ ގުޅިގެން، ރަށުގައި ހުރި ފޮށި ވެސް އެގޮތަށް ބަދަލުކުރަން އެމްޑީޕީގެ ސަޕޯޓަރުން ގޮވާލައި އަޑުގަދަކުރަން ފެށިއެވެ. މިކަމާ ގުޅިގެން ޕީއެންސީގެ ސަޕޯޓަރުން ވެސް އެ ސަރަހައްދަށް އެއްވެ އަޑުގަދަކުރުމުން ބޮޑު ހަމަނުޖެހުމެއް އުފެދި ވޯޓުލުން ވަނީ ހުއްޓިފައެވެ.
މި އިންތިހާބުގެ އެންމެ ހާއްސަ ކަމަކީ ރާއްޖޭގެ ދެ ބޮޑު އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓެވެ. އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކުރަނީ ވޯޓުލާ ގަޑި ހަމަވުމުގެ ކުރިން ވީހާވެސް ގިނަ ރައްޔިތުން ވޯޓުލާން ނުކުތުމަށެވެ.