ދިވެހި ހުރިހާ ރައްޔިތުން ނުކުމެ، ވޯޓުލުމުގެ ގާނޫނީ ހައްގު އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރެއްވީ، މިހާރު ކުރިއަށްދާ އިންތިޚާބުތަކުގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްވި ކުރު ބަސްދީގަތުމެއްގައެވެ. މާފަންނު ދެކުނު ދާއިރާގެ ރައްޔިތުން ވޯޓުލުމަށް ތާޖުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށްފަހު ރައީސް ވިދާޅުވީ، ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިދީފައިވާ އަސާސީ ގާނޫނީ ހައްގެއް ކަމަށެވެ.
“އަޅުގަނޑުމެންގެ އަސާސީ ގާނޫނީ ހައްގެކޭ ވޯޓުލުމަކީ. އެހެންވީމާ ރައްޔިތުން ގާނޫނީ ހައްގު އަދާކުރެއްވުމަށް މިއަދުގެ ވޯޓުގައި ހުރިހާ ރައްޔިތުން ބައިވެރިވެވަޑައިގަތުމަށް އަޅުގަނޑު ދަންނަވަން” ރައީސް ވިދާޅުވިއެވެ.” ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްދަނީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބެލުމަށް ނަގާ ރިފަރެންޑަމް ވޯޓެވެ. މި އިންތިޚާބުތަކުގައި ޖުމްލަ 294,876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވެސް ވަނީ ވޯޓު ލައްވާފައެވެ. އެކަމަނާ ވޯޓުލެއްވީ އަމީނިއްޔާ ސްކޫލުގައި ގާއިމުކޮށްފައިވާ މައްޗަންގޮޅި އުތުރު ދާއިރާގެ ވޯޓުލާ މަރުކަޒަށް ވަޑައިގެންނެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް މިހާރު ވަނީ ވޯޓު ލައްވާފައެވެ. އެމަނިކުފާނު ވޯޓުލެއްވީ ހެންވޭރު ދަނޑުގައި ގާއިމުކޮށްފައިވާ ގދ. ފަރެސްމާތޮޑާ ދާއިރާގެ ވޯޓުލާ މަރުކަޒަށް ވަޑައިގެންނެވެ.
އިންތިޚާބުގެ ތަފުސީލަށް ބަލާއިރު، ކައުންސިލްތަކުގެ 225 ދާއިރާއެއްގެ 678 މަގާމަކަށް 1,368 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 225 ދާއިރާއަކަށް 1,597 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ. ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ޖުމްލަ 588 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.
މިއަދު ހެނދުނު 8:00 ގައި ފެށި މި ވޯޓުލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ދައުލަތުގެ އިސް ބޭފުޅުންވެސް ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ވޯޓުލައްވައި، ރައްޔިތުން ވޯޓުލުމަށް ނުކުތުމަށް ބާރުއަޅުއްވާފައެވެ.