މިއަދު ފެށިގެން ކުރިޔަށްދާ އިންތިޚާބުތަކުގެ ވޯޓުލުމުގެ ހުރިހާ ކަމެއްވެސް ހިނގާނީ މިނިވަންކަމާއި އިންސާފުވެރިކަމާއެކުކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެވެ. މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,876 ރައްޔިތުންނަށް ލިބިގެންވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، އެއްވެސް ނުފޫޒެއް ނެތި އިންޞާފުވެރިކަމާއެކު އިންތިޚާބު ކުރިއަށް ގެންދިއުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި، ސިޔާސީ ޕާޓީތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވާ ކަމަށެވެ. އަދި އިންތިޚާބުގެ މަސައްކަތްތައް ނިމެންދެން އެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“ވޯޓުލުމުގެ އެންމެހައި ކަންތައްތައް އިންޞާފުވެރިކަމާއި، އަމާންކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކާ، ސަރުކާރުގެ ވުޒާރާތަކާ، ސިޔާސީ ޕާޓީތަކުންނާ، ޖަމްޢިއްޔާ ޖަމާޢަތްތަކުންނާ، ޢާންމު ރައްޔިތުން މިހާތަނަށް ދެއްވާފައިވާ އެއްބާރުލެއްވުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި، އިންތިޚާބުގެ މަސައްކަތްތައް އެއްކޮށް ނިމެންދެން، އެފަދަ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން މި ކޮމިޝަނަށް ލިބެމުން ދާނެކަމަށް އަޅުގަނޑު ޔަޤީންކުރަން.” ޒާހިދު ވިދާޅުވިއެވެ.
މި އިންތިޚާބުގެ ތަފުސީލުތަކަށް ބަލާއިރު، ލޯކަލް ކައުންސިލްތަކުގެ 678 މަޤާމަށް 1,368 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 678 މަޤާމަށް 1,597 ކެންޑިޑޭޓުން ވާދަކުރެއެވެ. ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި މުޅި ރާއްޖޭގައި ޖުމްލަ 588 ވޯޓުލާ މަރުކަޒު ވަނީ ޤާއިމުކޮށްފައެވެ.
އިންތިޚާބުގެ ކަންކަން އޮބްޒާވްކުރުމަށްޓަކައި 1,626 ލޯކަލް އޮބްޒާވަރުންނާއި 38 ބައިނަލްއަޤްވާމީ އޮބްޒާވަރުން ހަރަކާތްތެރިވާނެއެވެ. މީގެ އިތުރުން ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 4,021 ފަރާތަކާއި، 3,275 މޮނީޓަރުންވެސް ހަރަކާތްތެރިވާނެއެވެ.
ވޯޓުލުން ކުރިއަށްދާނެ ގޮތާ ގުޅޭގޮތުން ޒާހިދު ވިދާޅުވީ، ވޯޓުލުން ފެށޭނީ ހެނދުނު 8:00 ގައި ކަމަށާއި، ހަވީރު 16:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ ކަމަށެވެ. ވޯޓު ގުނާއިރު އެންމެ ފުރަތަމަ ގުނާނީ ކައުންސިލް އިންތިޚާބުގެ ވޯޓެވެ. ދެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވޯޓު ގުނުމަށްފަހު، އެންމެ ފަހުން ގުނާނީ ޚިޔާލު ހޯދުމުގެ ވޯޓެވެ.
ކޮމިޝަންގެ ރައީސް އިތުރަށް އިލްތިމާސް ކުރެއްވީ، ވޯޓުލާންދާއިރު ކަރުދާސްކޮޅު ހަވާލުކުރުމުން އެއީ ތިމާ ވޯޓުލާންޖެހޭ ދާއިރާގެ ކަރުދާސްކޮޅުތޯ ކަށަވަރުކުރުމަށެވެ. ވޯޓު ކަރުދާސްތައް ވަކިކުރަން ފަސޭހަވާނެހެން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ކަރުދާހުގައި ފެހިކުލައިގެ ލިޔުމެއް އިރު، ކައުންސިލް އިންތިޚާބުގެ ކަރުދާހުގައި ދާއިރާގެ ނަމާއި ނަންބަރު ބޮޑު އަކުރުން ލިޔެވިފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކުގެ ބޮޑު އިންސައްތައެއް ވޯޓުލާން ނުކުމެ، ދައުލަތް ހިންގުމާއި ކަންކަން ނިންމުމުގައި ރައްޔިތުންގެ ބަސް އިއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޒާހިދު ވިދާޅުވިއެވެ.