ސަރުކާރުން 2021 ވަނަ އަހަރު ބައިނަލްއަގުވާމު މާލީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު، ފައިދާގެ ރޭޓާ އެކު ޖުމްލަ 524.68 މިލިއަން ޑޮލަރު ދައްކައި ސަރުކާރުން ޚަލާސްކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ސުކޫކުގެ އަސްލު އަދަދު ކަމަށްވާ 500 މިލިއަން ޑޮލަރާއި، ފައިދާގެ ރޭޓަށްވާ 24.68 މިލިއަން ޑޮލަރު ވަނީ ދައްކައި ނިންމާލެވިފައެވެ.
މި ފައިސާ ދެއްކުމަށް ސަރުކާރުން ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާއެވެ. ސުކޫކު ޚަލާސްކުރެވުމާ ގުޅިގެން، ޖީ.ޑީ.ޕީގެ ނިސްބަތުން ދައުލަތުގެ ދަރަނީގެ މިންވަރު ކުޑަވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، 2021 ވަނަ އަހަރު ކުރީގެ ސަރުކާރުން މި ސުކޫކު ވިއްކާފައިވަނީ، އެއަށްވުރެ ކުރިން ނަގާފައިވާ 250 މިލިއަން ޑޮލަރުގެ “ސަންސައިޑް” ބޮންޑު އަދާކުރުމުގެ ބޭނުމުގައެވެ. ދުނިޔޭގެ އިގުތިސާދަށާއި ރާއްޖޭގެ އިގުތިސާދަށް ހީނަރުކަން ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައި، ބާޒާރުގެ އަގުތަކާ އަޅާބަލާއިރު ބޮޑު އަގެއްގައި ސުކޫކު ވިއްކާފައިވަނީ، ފަހުން އަނބުރާ ދެއްކުމުގެ ހަރުދަނާ ސިޔާސަތެއް ނެތިއެވެ.
ނަމަވެސް 2023 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖޭގެ އިގުތިސާދަށާއި މާލިއްޔާއަށް ބުރަ ނުވާނެ ގޮތަށް ސުކޫކު ދެއްކުމަށް ބޭނުންވާ ފިޔަވަޅުތައް ތަންފީޒުކުރަން ފެށިއެވެ. އެ ގޮތުން، ދައުލަތުގެ ދަރަނި އަދާކުރުމަށް ހާއްސަ ކޮށްފައިވާ އެސް.ޑީ.އެފްއަށް ބޭރު ފައިސާ ޖަމާކުރަން ފެށުމަކީ، މި ސަރުކާރުން ތަންފީޒުކުރި ފުރަތަމަ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މީގެ އިތުރުން، 2024 ވަނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ނެގި ލޯނުގެ ރޭޓު ބޮޑުކޮށް، ލިބޭ ފައިސާ އެސް.ޑީ.އެފްއަށް ޖަމާކުރަން ފެށިއެވެ. ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލު ގެނެސްފައިވަނީ ދިވެހި ފަސިންޖަރުންނަށް އެއްވެސް ބުރައެއް ނުވާ ގޮތަށެވެ.
ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން، އެސް.ޑީ.އެފްގެ ބޭރު ފައިސާގެ ބެލެންސް ވަނީ ފުރަތަމަ ފަހަރަށް 350 މިލިއަން ޑޮލަރަށްވުރެ އިތުރުވެފައެވެ. އަދި ރާއްޖޭގެ ރަސްމީ ރިޒާވް، މިއަހަރުގެ މާރިޗު މަސް ނިމުނުއިރު ރެކޯޑް މިންވަރަކަށް އިތުރުވެ، 1.3 ބިލިއަން ޑޮލަރަށްވުރެ މަތިވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި، ރިޒާވް މި މިންވަރަށް ތިރިން މައްޗަށް ދިޔަ ފަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރެވެ.
ސުކޫކު ޚަލާސްކުރެވުނު ނަމަވެސް، ސަރުކާރުގެ ސަމާލުކަން ދެން ހުއްޓިފައިވަނީ ރައްޔިތުންގެ ދިރިއުޅުމަށް ސީދާ އަސަރުކުރާ ކަންކަމަށެވެ. ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖެއަށް ބޭނުންވާ ތެލާއި އަސާސީ ޚިދުމަތްތަކާއި ތަކެތި، މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، އިގުތިސާދީ ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމަކީ ސަރުކާރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭ ކަންކަމެވެ.
މި ގޮތުން، ބައިނަލްއަގުވާމު މާލީ އިދާރާތަކާ ގުޅިގެން ކުރެވިފައިވާ މަސައްކަތުގެ ތެރެއިން، ބޭނުންވާ މާލީ އެހީތެރިކަން ހަމަޖެހެމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. ހަމައެހެންމެ، މި މަހުގެ ނިޔަލަށް ދައްކަންޖެހޭ 100 މިލިއަން ޑޮލަރުގެ ބޮންޑު ރޯލްއޯވަރ ކުރުމަށް އަބޫދާބީ ފަންޑާ އެކު ކުރެވިފައިވާ މަސައްކަތްތައް ވަނީ ކާމިޔާބުކަމާ އެކު ނިންމާލެވިފައެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކާ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލަމުންވެސް، ރާއްޖޭގެ ފިސްކަލް އަދި އިގުތިސާދީ ހަމަޖެހުން ދެމެހެއްޓުމުގައި ސަރުކާރު ދެމިއޮންނާނެއެވެ. ހަމައެއާ އެކު، މެދުރާސްތާގައި ޖީ.ޑީ.ޕީގެ ނިސްބަތުން ދަރަނި ދަށަށްދާ މިސްރާބަށް ރާއްޖޭގެ މާލިއްޔާ ގެންދިއުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.