މާލެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަގުސަދުގައި، އެމްޓީސީސީން ތައާރަފުކުރި “މާލެ ޓެކްސީ ލައިން” ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީންގެ އިތުރުން، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ސަޢުދީ ބައިވެރިވެވަޑައިގެންނެވިއެވެ.
މާލެ ޓެކްސީ ލައިންގެ މައިގަނޑު މަޤުސަދަކީ ރައްޔިތުންނަށް އިތުބާރު ހުރި، ރައްކާތެރި އަދި ފެންވަރު ރަނގަޅު ޓެކްސީގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ. ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މި ފްލީޓުގައި ހިމެނެނީ މުޅިންވެސް ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް (އީ.ވީ) ވެހިކަލްތަކެވެ. މި އިލެކްޓްރިކް ފްލީޓަކީ ކޮޕް 29 ގައި ރާއްޖެއިން ކާބަން ފުޓްޕްރިންޓް ދަށްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ފްލީޓުގައި ބޭނުންކުރަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ “ޗަންގަން އޮޓޯމޯބިލް” ގެ ތިން މޮޑެލްއެއްގެ ކާރުތަކެވެ. އެއީ މާލޭގެ ހަނި މަގުތަކަށް ހާއްސަ “ލުމިން” މޮޑެލްގެ އިތުރުން، ގިނަ ބަޔަކަށް ދަތުރުކުރެވޭނެ “އެސް.ޒީރޯ 5” އަދި “އެސް.ޒީރޯ 7” މޮޑެލްއެވެ.

މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ޖުމުލަ 150 ކާރާ އެކުގައެވެ. ކާރު ބުކް ކުރުމަށްޓަކައި https://maletaxi.web.app ވެބް އެޕްލިކޭޝަން ބޭނުންކުރެވޭނެއެވެ. މި ޚިދުމަތުގައި ޑިޖިޓަލް ބުކިން ސިސްޓަމަކާއި، ވެހިކަލް ޓްރެކްކުރުމުގެ ފުރުސަތާއި، ކޭޝްލެސްކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި، މި ޚިދުމަތުގައި ހަރަކާތްތެރިވާ 407 ޑްރައިވަރުންނަކީ ހާއްސަ ތަމްރީނުތަކެއް ދެވިފައިވާ ބައެކެވެ. މި ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށާއި، އަގުތައް ހުންނާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކުގައި ކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން، ޚިދުމަތާ ގުޅޭ އެހީތެރިކަން ހޯދުމަށް ހާއްސަ ހޮޓްލައިން ނަންބަރު 1655 އަށް ގުޅޭނެއެވެ.