ކ. ގާފަރަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، އެ ރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބޮޑު މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.
މި މަޝްރޫޢުގެ ދަށުން ކުރަން ނިންމާފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 25 ހެކްޓަރުގެ ބިން ހިއްކުމާއި، ހިއްކާ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި 956 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 315 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ. މިއީ ދައުލަތުގެ ބަޖެޓުން 246.11 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، 420 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރި މަޝްރޫޢެކެވެ.
ގާފަރަކީ ގާތްގަނޑަކަށް 1663 މީހުންގެ އާބާދީއެއް އޮންނަ، މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދަމުން އަންނަ ރަށެކެވެ. ނަމަވެސް، އެ ރަށަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފެއްޓެވި މި މަޝްރޫޢު ނިމުމުން، ގާފަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ރަށުގެ އިޤްތިޞާދީ ހަރަކާތްތަކަށް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެއެވެ.
އެމްޓީސީސީއިން މަޢުލޫމާތުދިން ގޮތުގައ ބިން ހިއްކުމަށްފަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމުން، އަލަށް ހިއްކާ ސަރަހައްދު ރިކްލެމޭޝަންގެ ސަބަބުން ކުރިމަތިވެދާނެ ތިމާވެށީގެ ގެއްލުންތަކުން ރައްކާތެރިކުރެވިގެންދާނެއެވެ.