ރާއްޖޭގެ ތިން ރަށެއްގެ ބަނދަރު ތަރައްޤީކުރުމުގެ މުހިންމު މަޝްރޫޢުތަކެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢިލް ހަމީދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޖަމްޝީދުއެވެ.
ބ. ގޮއިދޫ ބަނދަރު ތަރައްޤީކުރުން
800 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ބ. ގޮއިދޫ ބަނދަރުގެ ޖާގަ ކުޑަވުމާއި ފަޅު ތިލަވުމުގެ މައްސަލަ ހައްލުކުރުމަށް ހިންގާ މި މަޝްރޫޢަކީ 87.81 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. 365 ދުވަސް ތެރޭގައި ނިންމަން ހަވާލުކުރި މި މަސައްކަތުގެ ދަށުން 95,182 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ބޭސިން އަދި ނެރު ފުންކުރުމާއި، 250 މީޓަރުގެ އެއްގަމުތޮށި ލުމުގެ އިތުރުން ބޭރުތޮށިލުމާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.
ހއ. ފިއްލަދޫ ބަނދަރު ތަރައްޤީކުރުން
1206 މީހުންގެ އާބާދީއެއް އޮންނަ މަސްވެރި ރަށެއް ކަމަށްވާ ފިއްލަދޫ ބަނދަރުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރީ 118.51 މިލިއަން ރުފިޔާއަށެވެ. 450 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މި މަޝްރޫޢުގެ ދަށުން 31,480 ކިއުބިކް މީޓަރުގެ ބަނދަރު ބޭސިން ފުންކުރުމާއި، 156,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، އެއްގަމުތޮށިލުމާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ ސަބަބުން އެ ރަށުގެ އޮޑިދޯނިފަހަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުވާނެއެވެ.
މ. މަޑުއްވަރީ އިރުމަތީ ބަނދަރު ތަރައްޤީކުރުން
މަސްވެރިކަމުގައި ފާހަގަކޮށްލެވޭ މ. މަޑުއްވަރީގެ އިރުމަތީ ބަނދަރު ތަރައްޤީކުރުމަށް 113.03 މިލިއަން ރުފިޔާގެ މަޝްރޫޢެއް ވަނީ ފަށާފައެވެ. 390 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަސައްކަތުގެ ދަށުން 102,808 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 312 މީޓަރުގެ އެއްގަމުތޮށި ލުމުގެ އިތުރުން ބޭރުތޮށިލުމާއި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މިއީ މޫސުމީ ގޮތުން ބަނދަރު ގަދަވުމުގެ ސަބަބުން އެ ރަށު ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހިންގާ މަޝްރޫޢެކެވެ.
މި ތިން ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަކީ މި ސަރުކާރުން ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް ދެއްވާ އަހައްމިއްޔަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.