ހއ. ދިއްދޫގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ޚާއްޞަ އެކޮމޮޑޭޝަން ފެސިލިޓީއެއް ބިނާކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގައެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޢާއިޝަތު ޙިކްމާއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޖަމްޝީދުއެވެ.
މި މަޝްރޫޢުގެ ދަށުން ދިއްދޫގައި 416.51 އަކަމީޓަރުގެ ސަރަޙައްދެއްގައި 3 ފަންގިފިލާގެ ޒަމާނީ ޢިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޢިމާރާތުގައި ހިމެނޭ ބައިތަކުގެ ތެރޭގައި:
ފާހަނައާއެކު ތައްޔާރުކުރެވޭ 32 ކޮޓަރި
ބަދިގެއާއި ކާގެ
ޖިމް އަދި މުނިފޫހިފިލުވާ މަރުކަޒެއް
އެއްޗެހި ދޮންނަ ކޮޓަރިއަކާއި ސްޓޯރ ރޫމެއް
ދަރިވަރުން ހުސްވަގުތު ހޭދަކޮށްލުމަށް ޚާއްސަ ސަރަހައްދެއް ގާއިމުކުރާނެއެވެ،
މި މަޝްރޫޢަކީ ޖުމްލަ 20.31 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، 450 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށް، ދިއްދޫއަކީ 4186 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އަތޮޅު ތަޢުލީމީ މަރުކަޒު އެ ރަށުގައި ހުންނައިރު، މިއީ ބޮޑު ތިލަދުންމަތީގައި އެންމެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރާ އެއް މަރުކަޒެވެ. މި މަޝްރޫޢުގެ ސަބަބުން އަތޮޅުގެ އެހެން ރަށްރަށުން ދިއްދޫއަށް ތަޢުލީމު ހާސިލުކުރަން އަންނަ ދަރިވަރުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބި، ބެލެނިވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ގެންގޮސް، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނީގެ ޓީމުން މަސައްކަތް ކުރާނެއެވެ.