މާލެއަކީ ފެހި، ފަހި، އަދި ޗާލު ހިތްފަސޭހަ ސިޓީއަކަށް ހައްދަވައިދެއްވާނެ ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް ރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މޫސާ އަލީ ޖަލީލް ވިދާޅުވީ، މާލޭގެ ބިން ހެޔޮގޮތުގައި ބޭނުންކުރުމާއި “ޗާލު މާލެ” ކޮންސެޕްޓަކީ މާލޭގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވި ކަމެއް ކަމަށެވެ. ނަމަވެސް، ފާއިތުވި ދުވަސްތަކުގައި ކައުންސިލުން ޒިންމާ އަދާނުކުރުމުގެ ސަބަބުން މާލޭގެ ގިނަ ޕާކުތަކާއި ހިތްފަސޭހަ މައިޒާންތައް ވީރާނާވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ގެންނެވި ހެޔޮ ބަދަލުތަކަށް އިޝާރާތް ކުރައްވަމުން މޫސާ ޖަލީލް ވިދާޅުވީ، އެ ދުވަސްވަރު މަގުތަކުގައި ގަސް އިންދައި، ހަނި ގޯޅިތައް ރީތި މައިޒާންތަކަށް ބަދަލުކުރެވުނު ކަމަށެވެ.
“ތިބޭފުޅުން ދެކެވަޑައިގެންފައިވާނެ ފަދައިން، ހަމަ އެ ދުވަސްވަރު މަގުތަކުގައި ގަސް އިންދައި ޒީނަތްތެރިކުރަން ފެށުނު. މާލެ ފެހިކޮށް މާލެ އަލިކޮށް ނަލަކުރަން ފެށުނު. ބައެއް ހަނި ގޯޅިތަކަކީ ހިތްފަސޭހަކޮށްލަން އިށީނދެ ތިބޭ ރީތި މައިޒާންތަކަށް ބަދަލުކުރެވުނު. އެއީ ދުވަސްވީ މީހުންނާއި ކުޑަކުދީންނާއި ޒުވާނުންގެ ހިތްހަމަ ޖައްސާލަން. އުފާވެރި އާއިލީ ވަގުތުތަކަށް ތަން ދޭން.” އޭނާ ވިދާޅުވިއެވެ.
މޫސާ ޖަލީލް އިތުރަށް ވިދާޅުވީ މާލެއަކީ އިޖުތިމާއީ ގުޅުންތައް ބަދަހި ތަނަކަށް ހަދަންޖެހޭ ކަމަށެވެ. މާލޭގެ އަވަށްތަކުގައި ކުރިން އޮތް އެކުވެރިކަމާއި ގައުމީ ލޯބި އަލުން އާލާކުރަން ޖެހޭ ކަމަށާއި، ތަހުޒީބީ ސިޓީތަކުގައި މީހުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މޭޔަރުގެ ޒިންމާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޫސާ ޖަލީލް ވިދާޅުވީ، މާލެއަކީ ބޭރުގެ ފަތުރުވެރިންނާއި އިއްޒަތްތެރިންނަށް ވެސް ނަމޫނާ ސިޓީއަކަށް ވާންޖެހޭނެ ކަމަށެވެ. މިކަމަށްޓަކައި މަގުތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ޕާކުކުރުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަކީ އޭނާގެ އިސްކަމެއް ކަމުގައި ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި މޫސާ ޖަލީލް ވަނީ މާލޭގެ ތަރައްގީއަށްޓަކައި ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި، ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ ޕީއެންސީއަށް ދޭ ވޯޓަކީ ޗާލު މާލެއަކަށް، ބިންވެރި ރައްޔިތަކަށް އަދި ޒަމާނީ ހަރުދަނާ ހިންގުމަކަށް އާނއެކޭ ބުނުން ކަމަށެވެ.
“ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑާއި އަޅުގަނޑުގެ ޓީމަށް ދެއްވާ ވޯޓަކީ، މާލެ ސިޓީގެ ތަރައްޤީއަށް އާނއެކޭ ބުނުމުގެ ވޯޓު. އެއީ ބިންވެރި ރައްޔިތެއްކަމުގައިވުމަށް އާނއެކޭ ބުނުމުގެ ވޯޓު. އެއީ ޗާލު މާލެއެއް ދުށުމަށް އާނއެކޭ ބުނުމުގެ ވޯޓު. އެއީ ހިތްފަސޭހަ މަގުމައްޗެއް އުފައްދައި އިންތިޒާމުކުރުމަށް އާނއެކޭ ބުނުމުގެ ވޯޓު. އެއީ ފުދުންތެރި ދިރިއުޅުމަކަށް އާނއެކޭ ބުނުމުގެ ވޯޓު. އެއީ ޑިޖިޓަލް މާލެއެއް ގާއިމުކުރަން އާނއެކޭ ބުނުމުގެ ވޯޓު. އަދި އެއީ މާލޭ ސިޓީ ކައުންސިލަށް ހަރުދަނާ ޒަމާނީ އިދާރީ ހިންގުމަކަށް އާނއެކޭ ބުނުމުގެ ވޯޓު. ހަމަ އެހެންމެ އެއީ ކުޑަކުދީންނާއި ޒުވާނުންނާއި ހަރުމީހުންނާއި އިސްރަށްވެހީންނަށް އަމާންކަމާއި އުފާވެރިކަމާއި ކުރިއެރުން އިޙްސާސްކޮށްދޭނެކަން ކަށަވަރުވާ ވޯޓު,” މޫސަ ވިދާޅުވި އެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި މާލޭގެ ރައްޔިތުންގެ ފުރިހަމަ ތާއީދަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. މޫސާ އަލީ ޖަލީލް ވިދާޅުވީ އިރާދަކުރެއްވިޔާ މާލެ ސިޓީގެ ކޮންމެ ރައްޔިތަކަށް ކޮންމެ އާއިލާއަކަށް ކޮންމެ ގޭބީސީއަކަށް ދެން ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށެވެ. އެ ދުވަސް ހޯދުމަށް ހުރިހާ ރައްޔިތުން ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓް ދިނުމަށް ވަނީ ތަކުރާރުކޮށް އެދިފަ އެވެ.