ސަރުކާރަށް ތިން އަހަރު: ނިމިގެންދިޔަ ކޮންމެ ދުވަހަކީ ގައުމު އިސްކޮށްގެން ކުރިއަށްދިޔަ ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މިހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް މުޢިއްޒު ވިދާޅުވީ، ނިމިގެންދިޔަ ކޮންމެ ދުވަހަކީވެސް ގައުމުގެ މަސްލަހަތާއި ފައިދާ އިސްކޮށްގެން މަސައްކަތް ކުރެއްވި ދުވަހެއް ކަމަށެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ގެންނަން ގަސްދުކުރާ މުހިންމު ބަދަލުތަކަކަށް އަލިއަޅުއްވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ މުހިންމުކަމެވެ. އެމަނިކުފާނު ވިދާޅުވީ، މިގޮތަށް އިންތިޚާބުތައް ބޭއްވުމުގެ މައިގަނޑު އެއް ބޭނުމަކީ ސަރުކާރު ޖަވާބުދާރީކުރުމުގެ ބާރަށް މެންބަރުން އިންތިޚާބުކުރާ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެދުން ކަމަށެވެ.
ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ކުރެވި، ރައްޔިތުންގެ މަޖިލީހަށް އެކި ޕާޓީތަކުން ބޭފުޅުން ހޮވިގެންދާއިރު، އެއީ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ބެހިފައިވާ މަޖިލީހެއް އަންނާނެ ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. އަދި މި ބަދަލާއެކު ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބާރު އޭގެ ހަޤީޤީ މާނައިގައި ހިނގައިގަތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“މިހާރު މި ކުރިއަށްދާ ސުޕަރ މެޖޯރިޓީގެ ނިޒާމު އުވާލެވޭނީވެސް މި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވިގެން،” ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެންމެ ގިނަ ރައްޔިތުން ވޯޓުލާ ދުވަހު މަޖިލިސް މެންބަރުން އިންތިޚާބުވުމަކީ އެ މެންބަރުންގެ ސައްޚަކަން އިތުރުވެގެންދާނެ ކަމެކެވެ.
ސަރުކާރުގެ ވިސްނުން ހުރީ ހަމައެކަނި ގައުމުގެ ފައިދާއަށްކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، މިހާރު އޮތް ގޮތަށް ސުޕަރ މެޖޯރިޓީ މަޖިލީހެއް އޮވެ، ސަރުކާރުގެ ދައުރު ހަމަވާއިރު މަޖިލިސް މެންބަރުންނަށް އިތުރަށް ލިބެން އޮތް 6 މަސް ދުވަހުގެ މުއްދަތު ދޫކޮށްލައްވަން ނިންމެވީ ގައުމީ މަސްލަހަތަށްޓަކައި ކަމަށެވެ. ރިޔާސީ އިންތިޚާބު ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް، ދެ އިންތިޚާބު އެއްކޮށްލުމަކީ ދައުލަތުގެ ޚަރަދު ކުޑަވެ، ސިޔާސީ ހަމަޖެހުން ގާއިމުވާނެ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިތުރުން ދައުލަތުގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.