ލޯކަލް ކައުންސިލްތަކަކީ ދައުލަތުގެ ބާރުތަކުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ކައުންސިލްތަކުގެ ޒިންމާއެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހައިގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ކައުންސިލްތަކަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ސަރުކާރުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގައި އެންމެ ބޮޑަށް އެއްބާރުލުންދީ މަގުފަހިކޮށްދޭންޖެހޭ ފަރާތްތައް ކަމަށެވެ. އަދި ރާއްޖޭގެ ޤާނޫނީ ނިޒާމު ރޭވިފައިވާ ގޮތުން ކައުންސިލްތަކަކީ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ކައުންސިލްތަކުގެ މަޤާމުތަކަށް އިންތިޚާބު ކުރަންވާނީ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދޭނެ ކެންޑިޑޭޓުންނެވެ.
“ވެރިކަން ކުރާ ބާރު ތެރޭގެ ފަށަލައެއް ކައުންސިލްތަކަކީ. އެހެންވީމަ އެ ފަށަލަ ތެރޭގައި ތަޅާފޮޅަންޏާ ކިހިނެތްތޯވާނީ. މަތިން ތިރިއަށް މި އަންނަނީ، ސަރުކާރުން މި ހަވާލުކުރަނީ ކައުންސިލާ، މިވެނި ޕްރޮޖެކްޓަކަށް ބިން ހަވާލުކޮށްލަދޭށޭ. މިވެނި ޕްރޮޖެކްޓަކަށް ބޭނުންވާ ބިން ރަޖިސްޓްރީކޮށްދޭށޭ. މިވެނި މަސައްކަތަކަށް ބޭނުންވާ މިވެނި ކަމެއް ކޮށްދޭށޭ. މިކަންކަން ކުރަން ހަވާލުކުރީމަ އެ މެންބަރުން އެއީ ސަރުކާރާ އިދިކޮޅު މެންބަރުން ކަމަށްވަންޏާ، އަދި އަމުދުން ކުރިއަށްއޮތީ ދެއަހަރާ ބައިގެ ތެރޭގައި ރިޔާސީ އިންތިޚާބަށްވާއިރު އިދިކޮޅު ޕާޓީގެ ރިޔާސީ އިންތީޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ވިދާޅުވާ ގޮތަކަށް މަސައްކަތް ކުރާ ކައުންސިލަރުން ތިބިއްޔާ ކިހިނެތްތޯ ވާނީ. އެ މަސައްކަތް އެތާ ހިނގިޔަ ނުދޭން ނޫންތޯ އެ މީހުން މަސައްކަތް ކުރާނީ.” ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ރަށްރަށުގައި ހިންގާ މަޝްރޫޢުތަކަށް ބިން ހަވާލުކުރުމާއި، ބިން ރަޖިސްޓްރީކޮށްދިނުން ފަދަ ކަންކަމުގައި ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އިދިކޮޅު ވިސްނުމުގެ ކައުންސިލަރުން ތިބެއްޖެނަމަ އެފަދަ މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި، ސިޔާސީ ވިސްނުން ދޫކޮށް ޤައުމީ ވިސްނުމެއްގައި ވޯޓުލުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ދެ އިންތިޚާބު ވަކިން ބޭއްވުމުން ސަރުކާރު ހިންގާ ޕާޓީއަށް ސުޕަރ މެޖޯރިޓީ ލިބުމުގެ ފުރުސަތު ބޮޑުވާ ކަމަށާއި، ނަމަވެސް ދެ އިންތިޚާބު އެކީގައި ބާއްވައިފިނަމަ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ފަދަ ފެއަރ ކޮމްޕޮޒިޝަނެއް އުފެދިގެންދާނެ ކަމަށެވެ.
“ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވޭއިރު މިވާގޮތަކީ ރައީސުލްޖުމްހޫރިއްޔާއަށް ހޮވެނީ ކާކުކަމެއް ނޭނގެ. ނޭނގޭ ހާލުގައި މަޖިލީިސް މެންބަރުން މިހޮވަނީ ހަމަ އެއް ދުވަހެއްގައި އެއް ވަގުތެއްގައި. އެހެންވީމަ ތިމަންނައަކީ ސަރުކާރުގެ ކެންޑިޑޭޓެކޭ ނުބުނެވޭނެ ނޫންތޯ. އެހެންވީމަ ވެރިކަމަށް ހޮވޭ ޕާޓީގެ ކެންޑިޑޭޓުންނާއި ވެރިކަމަށް ނުހޮވޭ ކެންޑިޑޭޓުންނާއި ދެން ވާދަކުރާ ޕާޓީތަކުގެ ކެންޑިޑޭޓުންނާއި އެކި ޕާޓީތަކުން މިކްސްއެއް އަންނާނީ އީވަންލީ ޑިސްޓްރިބިއުޓެޑް ނޫނިއްޔާމުން ފެއަރލީ ޑިސްޓްރިބިއުޓެޑް ނަންބަރ އޮފް އެމްޕީސް ތިބޭގޮތަށް އެކި ޕާޓީތަކަށް ޑިސްޓްރިބިއުޓް ވެފައިވާ މަޖިލީހެއް ނޫންތޯ އަންނާނީ. އެ ކޮމްޕޮޒިޝަން އޮންނަ މަޖިލީހެއް ނޫންތޯ ސަރުކާރު ޖަވާބުދާރީ ކުރުވާނީ،” ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ޒިންމާދާރުކަމެއް ނެތް ސުޕަރ މެޖޯރިޓީއެއް މަޖިލީހަށް އަތުވެއްޖެނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި އިސްކަންދޭނީ ސިޔާސީ ވިސްނުމަށް ކަމަށެވެ. އަދި ގިނަ ރައްޔިތުންގެ ބައިވެރިވުމާއެކު މަޖިލިސް މެންބަރުން ހޮވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ރިޔާސީ އިންތިޚާބާއެކު މަޖިލިސް އިންތިޚާބު ބޭއްވުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.