މާލޭގެ ހުރިހާ ރައްޔިތުން ސިޔާސީ ޕާޓީގެ ރޫހު އެއްފަރާތްކުރުމަށްފަހު، ގައުމީ ވިސްނުމެއްގައި މާލޭ ސިޓީގެ މޭޔަރުކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި، މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ އާޝިޔާތު އަލައިކާ އަދުނާނަށް ވޯޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ރޭ ޕީއެންސީގެ ޖަގަހައިގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރާއި ޕާޓީން އަބަދުވެސް އިސްކުރާނީ ގައުމީ މަސްލަހަތު ކަމަށެވެ. އަދި މާލޭގެ ތަރައްގީއަށް ސަރުކާރުން ރާވާފައިވާ މުހިއްމު މަޝްރޫއުތައް ތަންފީޒުކުރުމުގައި މާލެ ސިޓީ ކައުންސިލުގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާތީ، އެ މަގާމަށް ގައުމީ ލޯބި އޮތް ގާބިލު ބޭފުޅަކު ހޮވުން މުހިއްމު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ މޫސާ އަލީ ޖަލީލުގެ ބަތަލުކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، 1988 ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއިން ގައުމު ސަލާމަތްކުރުމަށް މޫސާ އަލީ ޖަލީލު ދެއްކެވި ހިތްވަރަކީ މިއަދުގެ ޒުވާނުންނަށް ކިޔައިދޭންޖެހޭ ފިލާވަޅެއް ކަމަށެވެ.
“އަޅުގަނޑުމެން މާލޭ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށް އޮތް ތަނުގައި ކަންކަން ގެންދެވުމުގައި އެ ގައުމީ ވިސްނުމުގައި އެ ހިތްވަރާއެކު، އިހުލާސްތެރިކަމާއި މުރާލިކަމާއެކު މަސައްކަތްކުރައްވާނެ ބޭފުޅަކީ ހަމަ ޔަގީނުންވެސް މޫސާ އަލީ ޖަލީލު،” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މުހިއްމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ކުރިން އެ ކޮމިޓީގައި ލީޑާޝިޕް ނެތުމުގެ ސަބަބުން އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވާ ކަމަށެވެ. ނަމަވެސް، އާޝިޔާތު އަލައިކާ އަދުނާނަކީ އަންހެނުން ބާރުވެރިކުރުވުމަށާއި އިޖުތުމާއީ ދާއިރާއިން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި އިސްދައުރެއް އަދާކުރައްވާނެ ކަނބަލެއް ކަމަށް ރައީސް ޔަގީންކަން ދެއްވިއެވެ.
“އަޅުގަނޑުމެން މާލޭ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށް އޮތް ތަނުގައި ކަންކަން ގެންދެވުމުގައި އެ ގައުމީ ވިސްނުމުގައި އެ ހިތްވަރާއެކު، އިހުލާސްތެރިކަމާއި މުރާލިކަމާއެކު މަސައްކަތްކުރައްވާނެ ބޭފުޅަކީ ހަމަ ޔަގީނުންވެސް މޫސާ އަލީ ޖަލީލު. މިއީ ސުވާލެއްވެސް އަޅުގަނޑުމެންގެ ތެރޭގައި އޮވެގެންވާނެ ކަމެއް ނޫން. ޕާޓީ ރޫހު ދޫކޮށްލައްވާފައި ގައުމީ ވިސްނުމުގައި ކުރިއަށްވަޑައިގަންނަވަންވީ،” ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ މުސްތަގުބަލުގެ ޖީލުތަކަށްޓަކައި ވޭޕް މަނާކުރުމާއި ދުންފަތުގެ އިސްލާހުތައް ފަދަ ހަރުދަނާ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާކަން ހަނދާންކޮށްދެއްވާފައެވެ. އަދި އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގައި، މާލޭގެ ކުރިމަގަށްޓަކައި ސިޔާސީ ފިކުރު ދޫކޮށްލުމަށްފަހު ޕީއެންސީގެ ދެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެމަނިކުފާނު މާލޭގެ ރައްޔިތުންގެ ކިބައިން ތަކުރާރުކޮށް އެދިވަޑައިގަތެވެ.