މ. މުލީގައި ހުންނަ މ. އަތޮޅު ތަޢުލީމީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި، އެ ސްކޫލުގައި 3 ފަންގިފިލާގެ އައު ޢިމާރާތެއް ބިނާކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޑރ. ޢަބްދުއްލަޠީފް މުޙައްމަދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޖަމްޝީދުއެވެ.
މި މަޝްރޫޢުގެ ދަށުން ބިނާކުރުމަށް ހަމަޖެހިފައިވަނީ 3 ފަންގިފިލާގެ ޢިމާރާތެކެވެ. މި ޢިމާރާތުގައި 10 ކްލާސްރޫމާއި، ލައިބްރަރީއަކާއި، އޭވީ ރޫމެއްގެ އިތުރުން ހެލްތް ރޫމެއް ހިމެނެއެވެ. ޖުމްލަ 18.80 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 360 ދުވަހުގެ މުއްދަތެކެވެ.
މ. މުއްޔަކީ އެ އަތޮޅުގެ ވެރިކަން ކުރާ ރަށަށްވެފައި، އަތޮޅުގެ އެހެން ރަށްރަށުންވެސް ގިނަ އަދަދެއްގެ ކުދިން ތަޢުލީމު ހާސިލްކުރުމަށް އެ ރަށުގައި ދިރިއުޅެމުންދެއެވެ. މިހާރުވެސް 240 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ މި ސްކޫލުގައި އައު ޢިމާރާތެއް ބިނާކުރުމަކީ ދަރިވަރުންނަށާއި، މުދައްރިސުންގެ އިތުރުން ބެލެނިވެރިންނަށްވެސް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެކެވެ.