ބ. ދަރަވަންދޫ އެއާޕޯޓްގެ ޓާމިނަލް ތަރައްގީކޮށް، އެއާޕޯޓުގެ ފެންވަރު މަތިކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ދަރަވަންދޫ އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން އެވެ.
މި މަޝްރޫއާއެކު، މިއަދުން ފެށިގެން ދަރަވަންދޫ އެއާޕޯޓް ހިންގުމާއި ތަރައްގީކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްއާއެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައިވެސް މިއަދު ވަނީ ރަސްމީކޮށް ސޮއިކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ތަރައްގީގެ މަސައްކަތްތަކުގެ ތަފްސީލް ހާމަކުރަމުން އައިލެންޑް އޭވިއޭޝަނުން ބުނީ، މަސައްކަތް ނިމޭއިރު މިހާރު ހުރި ޓާމިނަލް އިމާރާތާއި އެރައިވަލް ހޯލް ދެގުނައަށް ބޮޑުކުރެވިގެންދާނެ ކަމަށެވެ. މީގެ އިތުރުން:
- ޗެކިން އޭރިއާ ބޮޑުކޮށް، ތިން ގޭޓު ތަރައްގީކުރުން.
- އެއްފަހަރާ ތިން މަތިންދާބޯޓަށް ހިދުމަތް ދެވޭ ފެންވަރަށް އެއާޕޯޓް ތަރައްގީކުރުން.
- ފެންވަރު ރަނގަޅު ޒަމާނީ ލައުންޖެއް ގާއިމުކުރުން.
ދަރަވަންދޫ އެއާޕޯޓަކީ ރާއްޖޭގެ އެންމެ ބާރުބޮޑު ޑޮމެސްޓިކް އެއާޕޯޓެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް މި އެއާޕޯޓަށް 42,000 އަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓްކޮށް، 1.8 މިލިއަން ފަސިންޖަރުންނަށް ވަނީ ހިދުމަތް ދީފައެވެ. މިހާރުވެސް ދުވާލަކު އެވްރެޖްކޮށް 8 ފްލައިޓް މި އެއާޕޯޓަށް ޖައްސާއިރު، މީގެ ތެރެއިން ދެބައިކުޅަ އެއްބައި ފްލައިޓަކީ ގައުމީ އެއާލައިންގެ އުދުހުންތަކެވެ.
ބ. އަތޮޅަކީ ފަތުރުވެރިކަން ވަރަށް ބޮޑަށް ފުޅާވެފައިވާ އަތޮޅެކެވެ. އެގޮތުން މިހާރުވެސް އެ އަތޮޅުގައި 16 ރިސޯޓަކާއި 79 ގެސްޓް ހައުސް ހިންގަމުންދާއިރު، މުޅި އަތޮޅުގައި 4,600 އަށްވުރެ ގިނަ ޓޫރިސްޓް އެނދު އެބަހުއްޓެވެ. ދަރަވަންދޫ އެއާޕޯޓުން ހިދުމަތް ހޯދާ މީހުންގެ 70 އިންސައްތައަކީ ފަތުރުވެރިން ކަމަށްވާއިރު، މި ތަރައްގީގެ މަޝްރޫއުގެ ސަބަބުން އަތޮޅުގެ 10,000 އަށްވުރެ ބޮޑު އާބާދީއަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
ދަރަވަންދޫ އެއާޕޯޓުގެ ހިދުމަތްތައް ފެށި ފަހުން މިހާތަނަށް އެތަނުގައި 99 ވަޒީފާ ވަނީ އުފެދިފައެވެ. މި އާ މަޝްރޫއާއެކު އިތުރު ވަޒީފާތަކާއި އިގްތިސާދީ ފުރުސަތުތައް މުޅި އަތޮޅަށް ހުޅުވިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.