މާލެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ޒަމާނީ ބަދަލުތަކެއް ގެނައުމަށްޓަކައި ސަރުކާރުން ފަށާ “މާލެ ޓެކްސީ” ލައިނަށް ބޭނުންވާ ކާރުތަކުގެ ތެރެއިން ދެވަނަ ބެޗް އިއްޔެ މާލެ ގެނެސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިފަހަރު އަލަށް ގެނެސްފައިވަނީ “ޗަންގަން ލޫމިން” މޮޑެލްގެ ކޮމްޕެކްޓް ކާރުތަކެކެވެ.
މި ކާރުތަކަކީ ތިން މީހުންގެ ޖާގަ ހިމެނޭހެން، މާލޭގެ ހަނި މަގުތަކާ ގުޅޭގޮތަށް ހާއްސަކޮށް ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ. މާލޭގެ މަގުތަކުގެ ތޮއްޖެހުމަށް ހައްލެއް ހޯދުމުގެ ގޮތުން ތައާރަފުކުރާ މި “ޗަންގަން ލޫމިން” ކާރުތަކަކީ އޭގެ ސައިޒުގެ ގޮތުން ދުއްވުމަށް ފަސޭހަ އަދި މާލޭގެ މާހައުލަށް ވަރަށް އެކަށީގެންވާ އުޅަނދުތަކެއްކަން އެމް.ޓީ.ސީ.ސީ އިން ފާހަގަކުރެއެވެ.
ސަރުކާރުގެ މާލެ ޓެކްސީ ލައިންގެ މައިގަނޑު އަމާޒަކީ ތިމާވެއްޓާ ރައްޓެހި އަދި ސްމާޓް ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންނަށް އިތުބާރު ހުރި، އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމެވެ. މި އުޅަނދުތަކަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ، ދުއްވާ ފަރާތަށާއި ދަތުރުކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދޭ ފަދަ ޒަމާނީ ސިފަތައް އެކުލެވޭ އުޅަނދުތަކެކެވެ.
މި އައު ޚިދުމަތާއެކު މާލޭގެ އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މިއީ މާލޭގެ ޓެކްސީގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، ޒަމާނީ ދަތުރުފަތުރުގެ ނިޒާމަކަށް މަގުފަހިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި، މިއީ މާލޭގެ ދަތުރުފަތުރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ ވަރަށް މުހިންމު އިސްނެގުމެކެވެ. މި އުޅަނދުތައް ބޭނުންކޮށްގެން ޚިދުމަތް ފެށުމުން، މާލޭގެ މަގުތަކުގައި ޓެކްސީ ހޯދުމަށް ހޭދަވާ ވަގުތު ކުޑަވެ، އިތުބާރު ހުރި ނިޒާމެއް ގާއިމުވެގެންދާނެއެވެ.