އޭޕްރިލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން، ގްރޭޓަރ މާލެ ސަރަހައްދުގައި ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންއިން ކަނޑައަޅައިފިއެވެ.
މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި ނިންމުމަކީ އިންތިޚާބު އޮންނަ ދުވަހު މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށާއި، ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަކޮށް އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 06:00 އިން ފެށިގެން އެރޭގެ 23:00 އާ ހަމައަށް ބަރު އުޅަނދުތަކުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެކެވެ.
ނަމަވެސް، ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އުޅަނދުތައް މި ނިންމުމުން އިސްތިސްނާވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށެވެ.
އިންތިޚާބުގެ ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމާއި، ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ފުލުހުންނާއި ކަމާގުޅުންހުރި މުއައްސަސާތަކުން އަންނަނީ ތައްޔާރުވަމުންނެވެ.