ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މާލެއާއި އަތޮޅުތަކުގައި ކުރިއަށްގެންދާ ޚާއްސަ ތަމްރީނުތަކެއް މިއަދު ގެންގޮސްފި އެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ތަމްރީނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 16:00 ގެ ނިޔަލަށެވެ. މިއީ ފުލުހުންގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަށާއި، ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ތަމްރީނުތަކެކެވެ.
މި ތަމްރީނުތައް ކުރިއަށްދާ ވަގުތުތަކުގައި، މާލޭގެ އިތުރުން ރަށްރަށުގެ މަގުމަތީގައި ފުލުހުންނާއި ފުލުހުންގެ ވެހިކަލްތަކުގެ ހަރަކާތްތައް އާންމު ވަގުތުތަކަށްވުރެ އިތުރުވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. މިގޮތުން ސަލާމަތީ ކަންކަމާ ގުޅޭ އެކި ތަމްރީނުތައް މި މުއްދަތުގެ ތެރޭގައި ކުރިއަށްދާނެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ކުރި އެކްސްގައި ބުނެފައިވަނީ، މިފަދަ ތަމްރީނުތައް ކުރިއަށްދާއިރު އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ ފުރިހަމަ އެއްބާރުލުން ފާހަގަކޮށް، އެކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ.
ފުލުހުން ދޭތެރެ ދޭތެރެއިން މިފަދަ ތަމްރީނުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވަމުންދަނީ، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތާއި އާންމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންގެ ތައްޔާރީ ހާލަތު ވަޒަންކުރުމުގެ ގޮތުންނެވެ.