މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، “ބިންވެރިޔާ” ޚާއްސަ ސްކީމުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.
މި ފުރުސަތަކީ 1 މާރިޗު 2026 ގައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ “ބިންވެރިޔާ ޚާއްސަ ސްކީމާ ގުޅޭ އުސޫލު” (އުސޫލު ނަންބަރު: 4-ޖީ/2026) ގެ ދަށުން ހުޅުވާލެވުނު ފުރުސަތެކެވެ. ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން 1250 އަކަފޫޓުގެ ގޯއްޗެވެ.
ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދެއްވާގޮތުގައި، މި ސްކީމުގެ ދަށުން ގޯއްޗަށް އެދި ފޯމު ހުށަހެޅޭނީ މިއަދު، ހެނދުނު 11:00 އިން ފެށިގެންނެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 30 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:59 އެވެ. ގޯއްޗަށް އެދި ހުށަހަޅަންޖެހޭނީ އެ މިނިސްޓްރީގެ “ބޯހިޔާވަހިކަން” ޕޯޓަލް (https://boahiyaavahikan.housing.gov.mv) މެދުވެރިކޮށެވެ.
މި ޚާއްސަ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ދެ ކެޓަގަރީއެއްގެ ބޭފުޅުންނަށް ވަނީ ހުޅުވާލެވިފައެވެ:
- “ބިންވެރިޔާ” ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ކުރިން ގޯތި ލިބިފައިވާ ފަރާތްތައް
- ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮތުމުގެ ސަބަބުން، ކުރިން ބިންވެރިޔާ ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު ލިބިފައިނުވާ ފަރާތްތަކަށެވެ.
ހައުސިންގ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ގޯއްޗަށް އެދި ހުށަހަޅާއިރު އުސޫލުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ފުރިހަމަކުރަންވާނެ ކަމަށެވެ. އެޕްލިކޭޝަން މަރުޙަލާގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްޞީލު މިނިސްޓްރީން ކުރި އިޢުލާނުގެ ޖަދުވަލުގައި ހިމަނާފައިވާނެއެވެ.
މި މަޝްރޫޢަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުޔެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.