ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ފްލެޓް އެޅުމަށް 7 ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅައިފިއެވެ.
ސަރުކާރުގެ “އެންމެންނަށް ބޯހިޔާވަހިކަން” ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ގުޅިގެން ހުޅުމާލޭގައި އިމާރާތްކުރާ ހައުސިންގ ޔުނިޓްތަކުގެ ބިންގާ އެޅުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، އެމްއެމްއޭގެ އިންކްލޫސިވް އެފޯޑަބަލް ހައުސިންގ ސްކީމުގެ ދަށުން، ރާއްޖޭގެ ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ ޕޯޓްފޯލިއޯގެ ފަސް އިންސައްތަ، ފަސް އިންސައްތައިގެ ޕްރޮފިޓް ރޭޓުގައި ބޯހިޔާވަހިކަމަށް ދޫކުރަންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފައިވާ ކަމަށެވެ. މިއީ ރައްޔިތުންނަށް ލުއި އަގުގައި ގެދޮރު ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ދަށުން “ލީޒް ޓު އޯން” މޮޑެލްގެ އިތުރުން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ) މޮޑެލްއަށް ވެސް ފުރުޞަތު ހުޅުވާލެވިފައިވެއެވެ. އެގޮތުން 7 ކުންފުންޏަކުން 2000 ޔުނިޓް އެޅުމަށް މިހާރު ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ކުންފުނިތައް ހިމެނޭކަން އޭނާ ހާމަކުރެއްވިއެވެ.
“އެ ލުއިތަކާއިއެކު ތިން ކޮޓަރީގެ ފްލެޓެއް ވިއްކޭގެ އެންމެ ބޮޑު އަގަކީ 2.3 މިލިއަން ރުފިޔާ. މިއީ މިހާރުގެ މާކެޓަށް ބަލާއިރު ކުޑަ އަދަދެއް. ދެ ކޮޓަރީގެ ފްލެޓެއް ވިއްކޭގެ އަގަކީ 1.8 މިލިއަން ރުފިޔާ. އެ ފްލެޓްތައް ގަނެވޭނީ މިހާރު ކުރިއަށްދާ ބޯހިޔާވެހިކަމުގެ ސްކީމްތަކަށް ޝަރުތުހަމަވެ ފްލެޓަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް.” ވަޒީރު ވިދާޅުވިއެވެ
ފްލެޓްތަކުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ދެއްވާ ލުއިތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން ބިން ހަމަޖައްސައި ދެނީ އެއްވެސް އަގަކާ ނުލައި ކަމަށެވެ. އަދި މި ފްލެޓްތައް ގަންނަ ފަރާތްތަކުން ޖީއެސްޓީ ދައްކަން ނުޖެހޭނެ ގޮތް ހަމަޖައްސައި، އިމާރާތްކުރުމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ނުނަގާ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މި ދެންނެވި އުސޫލުން ފުލެޓު އިމާރާތްކޮށް، ހެޔޮ އަގުގައި ވިއްކުމަށް އެދޭ ކުންފުނިތަކަށް ފުރުސަތު ހުޅުވާލުމުން މިއަދު މުއްދަތު ހަމަވެގެން ދިޔަ އިރު، ހަތް ކުންފުންޏަކުން 2000 ޔުނިޓު އިމާރާތްކުރުމަށް ޕްރޮޕޯސަލް ހުށަހަޅާފައިވޭ،” މިނިސްޓަރު ވިދާޅުވިއެވެ
މި ލުއިތަކާއެކު، ތިން ކޮޓަރީގެ ފްލެޓެއްގެ އެންމެ ބޮޑު އަގަކީ 2.3 މިލިއަން ރުފިޔާ ކަމަށާއި، ދެ ކޮޓަރީގެ ފްލެޓެއް 1.8 މިލިއަން ރުފިޔާއަށް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ މިހާރުގެ މާކެޓް އަގުތަކާ އަޅާބަލާއިރު ވަރަށް ބޮޑު ލުޔެކެވެ. މި ފްލެޓްތައް ގަނެވޭނީ މިހާރު ހިނގަމުންދާ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ޝަރުތުހަމަވެ ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށެވެ.
“ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ” މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ދެ ފޭސްގެ އިތުރުން ވިލިމާލޭގައި ޖުމުލަ 3،260 ޔުނިޓްގެ ބިންގާ ވަނީ އަޅާފައެވެ.
މީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް އިން އިތުރު 540 ޔުނިޓް އެޅުމަށް ނިންމުމާއެކު، މި މަޝްރޫޢުގެ ދަށުން ޖުމުލަ 3،800 ހައުސިންގ ޔުނިޓް ތަރައްޤީކުރެވޭނެއެވެ.
މި ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ނިންމާލުމަށް ސަރުކާރުން އަމާޒު ހިފާފައިވަނީ 2028 ވަނަ އަހަރުގެ ނިޔަލަށެވެ. މިއީ ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަސައްކަތެވެ.