މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓް، ރިޓަޔަރޑް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލަށް، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ތާއީދުކުރައްވައި އެންޑޯޒްކުރައްވައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ މިއަދު މޫސާ ޢަލީ ޖަލީލް، އުއްޗުގެ އަރިހަށް ޗަމްޕާގިރިއަށް ކުރެއްވި ޒިޔާރަތުގައެވެ. މި ބައްދަލުކުރެއްވުމުގައި އުއްޗު ވަނީ މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޢަލީ ޖަލީލަކީ އެންމެ އެކަށީގެންވާ ބޭފުޅާކަން ފާހަގަކުރައްވައި، އޭނާ އެންޑޯޒްކުރައްވާފައެވެ.
މީގެ އިތުރުން، ކުރިއަށް އޮތް އިންތިޚާބުގައި މޫސާ ޢަލީ ޖަލީލަށް ކާމިޔާބު ހޯދައިދިނުމަށްޓަކައި ވޯޓު ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ވެސް އުއްޗު ވަނީ މި ބައްދަލުކުރެއްވުމުގައި ދެއްވާފައެވެ.
މޫސާ ޢަލީ ޖަލީލަކީ ދިވެހި އަސްކަރިއްޔާގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައި، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ އިގްތިސާދީ ދާއިރާގައި ނުފޫޒުގަދަ ޝަޚްސިއްޔަތެއް ކަމަށްވާ އުއްޗުގެ ތާއީދު މޫސާ ޖަލީލަށް ލިބިގެންދިއުމަކީ، މި އިންތިޚާބުގައި އޭނާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
މޫސާ ޢަލީ ޖަލީލް ވަނީ، މި ދައުވަތު ދެއްވިކަމަށްޓަކައި އަދި މި އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް އޭނާ ގެނައުމަށް ތާއީދުކުރެއްވިކަމަށްޓަކައި އުއްޗު އަށް ޝުކުރު އަދާކުރައްވައިފައެވެ.
މާލެ ސިޓީގެ މޭޔަރުގެ މަގާމު ހުސްވެފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެންނެވެ.