ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިބިދޭ “ރިކޯލް ވޯޓު” ނެގުމުގެ އިސްލާހު، މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގެ ތެރޭގައި ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިންތިޚާބީ މަގާމުތަކަށް ރައްޔިތުން އިންތިޚާބުކުރާ މީހަކު ވަކިކުރުމުގެ ބާރު ރައްޔިތުންގެ އަތްމަތީގައި އޮތުމަކީ އެންމެ ޑިމޮކްރެޓިކް ގޮތް ކަމަށެވެ. މިހާރު އޮތް ނިޒާމުގައި، ސުޕްރީމް ކޯޓުގެ ހުކުމަކުން މެންބަރެއްގެ ގޮނޑި ގެއްލުން ފިޔަވައި، މެންބަރަކު ވަކިކުރެވޭނެ އިތުރު ގޮތެއް ނޯންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“ސުޕްރީމް ކޯޓަށް ގޮސްގެން ހުކުމެއް ކޮށްގެން ފަހަރެއްގައި މެންބަރެއްގެ ގޮނޑި ގެއްލިދާނެ، އެނޫން ގޮތެއް ނޯވޭ. ޑިމޮކްރެޓިކް ހަމަތަަކަށް ބަލާއިރުގައި ރައްޔިތުންގެ ބާރުވެރިކަން އެންމެ ބޮޑުވާނެ ގޮތަކަަށްވާނީ އެ ފުރުސަތު ރައްޔިތުންނަށް އޮތުން. އެއީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ޕްރެކްޓިސްކުރާ ނިޒާމެއް،” ރައީސް ވިދާޅުވިއެވެ.
މި ނިޒާމު ރާއްޖެއަށް ތައާރަފުކުރުމުގެ ކުރިން ކުރަންޖެހޭ ފަންނީ މަޝްވަރާތަކާއި ދިރާސާތައް މިހާރު ކުރިއަށްދާކަން ރައީސް ހާމަކުރެއްވިއެވެ. އެގޮތުން ރިކޯލް ޕެޓިޝަނެއްގައި ސޮއިކުރަންޖެހޭނެ ރައްޔިތުންގެ އަދަދާއި، މަޖިލީހުގެ ތެރެއިން މެންބަރަކު ވަކިކުރެވޭނެ އަޣުލަބިއްޔަތާއި، ކޯރަމް ގުނާނެ ގޮތް ފަދަ މުހިންމު ކަންކަމާ މެދު މަޝްވަރާ ކުރެވެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އުންމީދު މިކުރަނީ މިހާރު ހިނގަމުންދާ އެ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރެއަށް ހުށަހެޅޭނެ ކަމަށް. މަސައްކަތްކުރަނީ އެގޮތަށް،” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ޒުވާނުންނާ ބައްދަލުކުރެއްވުމަށް “ޔޫތު ހަބް” ގައި ބޭއްވި އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ބަދަލު ގެންނަން ނިންމެވީ އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ރައްޔިތުންނަށް ޖަވާބުދާރީވުން އިތުރުކުރުމުގެ މަގްސަދުގައި ކަމަށެވެ. މެންބަރެއްގެ ފެންވަރު ދަށްވުން ނުވަތަ ގާނޫނީ ޝަރުތެއް އުނިވެއްޖެ ހާލަތެއްގައި ރައްޔިތުންނަށް އެ މެންބަރަކު ވަކިކުރުމުގެ ފުރުސަތު މި އިސްލާހުގެ ދަށުން ފަހިވާނެއެވެ.
މަޖިލިސް މެންބަރުންނާއި ކައުންސިލަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭގޮތް ހަދަނީ
ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި، ރައްޔިތުންނަށް ގިނަ ބާރުތަކެއް ލިބޭނެ ގޮތަށް ދުސްތޫރީ އަދި ގާނޫނީ ނިޒާމު އިސްލާހުކުރެއްވުމުގެ މަސައްކަތް ރައީސް މުޢިއްޒު ވަނީ ފައްޓަވާފައެވެ. އެމަނިކުފާނު އުންމީދު ކުރައްވަނީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރޭގައި މި ބިލު ހުށަހަޅައި، ގާނޫނީ ސިފަ ޖެއްސުމަށެވެ.