އޮސްޓްރިއަން އެއާލައިންސް އިން ރާއްޖެއަށް ދަތުރުކުރާތާ 30 އަހަރު ފުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
މިކަން ފާހަގަކުރުމުގެ ގޮތުން އޮސްޓްރިއަން އެއާލައިންސް އިން އިއްޔެ ފުރި 324 ފަސިންޖަރުންނަށް އެމްއޭސީއެލުން ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް އިއްޔެ ކައިރިކުރި އެ އެއާލައިންސްގެ ފްލައިޓުން ރާއްޖެ އައި 328 ފަސިންޖަރުންނަށް ވަނީ ބޮޑުބެރާއި އެކީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
މިއީ އޮސްޓްރިއަން އެއާލައިންސް އާއި އެމްއޭސީއެލްއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން ވީއައިއޭ އިން ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތެއްކަމަށް ވެސް އެމްއޭސީއެލުން ބުނެފައިވެއެވެ.
އޮސްޓްރިއަން އިން ރާއްޖެއަށް ފާއިތުވި 30 އަހަރުގައި ދަތުރު ފަށާފައިވާއިރު މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ރާއްޖެ އާއި އޮސްޓްރިއާ އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަނީ ހަރުދަނާ ވެފައެވެ.