ސަރުކާރުގެ ޓެކްސީ ލައިންގައި ޑްރައިވަރުކަން ކުރަން ބޭނުންވާ މީހުންނަށް އިތުރު ފުރުސަތެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދީފިއެވެ.
އެމްއޭސީއެލުން ބުނިގޮތުގައި މި ވޯކިން އިންޓަވިއު އޮންނާނީ އަންނަ އަންގާރަ ދުވަހުގައެވެ. އެމްޓީސީސީން ބުނިގޮތުގައި މި އިންޓަވިއު ކުރިއަށްދާނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެއީ ހެނދުނު 10 ކުން މެންދުރު 12 އަށް އަދި މެންދުރު 1 ކުން ހަވީރު 4 އަށެވެ. މިއާއެކު، މި އިންޓަވިއު ކުރިއަށްދާނީ މާފަންނު ބަސް ޓާމިނަލްގައި ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
މި އިންޓަވިއުއަށް ދާއިރު ގެންދަން ޖެހެނީ އައިޑީ ކާޑާއި، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް އެކަންޏެވެ.
ސަރުކާރުގެ ޓެކްސީލައިން ކަމަށްވާ “މާލެ ޓެކްސީ ލައިން” އަށް ބޭނުންވާނެ އިލެކްޓްރިކް އުޅަނދުތަކުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް ވަނީ ގެނެސްފައެވެ. އެމްޓީސީސީން ބުނިގޮތުގައި މިހާރު ގެނެސްފައި ވަނީ ‘ޗަންގަން’ ބްރޭންޑުގެ S05 މޮޑެލްގެ ކާރުތަކެވެ. މީގެ އިތުރުން، ކުރިއަށް އޮތް ޝިޕްމަންޓްތަކުގައި ޗަންގަން އެސްއޯ 7 މޮޑެލްއާއި، ކުދި ކާރުގެ ގޮތުގައި ބޭނުންކުރާ ‘ލޫމިން’ މޮޑެލްގެ އުޅަނދުތައް ހިމެނޭނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.