ސަރުކާރުން ހުޅުމާލޭގައި ގާއިމްކުރާ މަލްޓި ސްޓޯރޭޖް ޕާކިން އިމާރާތްތަކުގެ ތެރެއިން ފުރަތަމަ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި އިމާރާތުގެ ބިންގާ އެޅުމަށް މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ބައިވެރިވެވަޑައި ގަނެފައެވެ. މި ރަސްމިއްޔާތައް ފަހު މި އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވާފައި ވަނީ ޓުރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ.
މި މަޝްރޫއަކީ ޓުރާންސްޕޯޓް މިނިސްޓްރީއާއި އެޗްޑީސީއިން ބެޗް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި ބިލްޑިންގައި ބޭސްމެންޓުގެ އިތުރުން 13 ފުލޯ ހުނަނާނެ ކަމަށާއި މި އިމާރާތުގައި 600 އަށް ވުރެ ގިނަ ހަތަރު ފުރޮޅުލީ ވެހިކަލްއާއި 500 އަށްވުރެ ގިނަ ދެ ފުރޮޅުލީ ވެހިކަލްގެ ޖާގަ ހުންނާނެ ކަމަށް ބެޗް ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވެއެވެ. އެހެންވެ ޖުމްލަ 1100 ވެހިކަލް މި ބިލްޑިންގައި ޕާކު ކުރެވޭނެ އެވެ.
މިއަދު ބިންގާ އަޅާފައިވާ މި ބިލްޑިންއަކީ ހުޅުމާލޭގައި ގާއިމްކުރާ 7 ޕާކިން އިމާރާތުގެ ތެރެއިން ފުރަތަމަ އިމާރާތެވެ. މިއީ2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި ސަރުކާރުން އެޗްޑީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި އިމާރާތްތަކުގައި 4000 ޕާކިން ޔުނިޓް ހިމެނޭނެ ކަމަށް ވެސް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ކުރިން ވިދާޅުވެފައިވެއެވެ.
މިއާއެކު، މި އިމާރާތްތަކުގެ އިތުރުން ޕާކު ކުރުމަށް އިތުރު ތިން ބިމެއް ވަގުތީ ގޮތުން ހަމަޖައްސައިދޭނެކަމުގައި ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.