މި ސަރުކާރުން ކުރިއަށްގެންދާ އިސްލާޙީ މަސައްކަތްތަކަކީ އަމިއްލަ ޒާތީ ލުއިފަސޭހައަކަށް ކުރައްވާ ކަންކަން ނޫންކަމަށާއި، އެއީ ޤައުމީ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރައްވާ މަސައްކަތްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސަންގު ޓިވީން ތައްޔާރުކޮށްގެން ގެނެސްދިން “އެސްޕްރެސޯ ވިތް ރައީސް” ޕްރޮގްރާމުގައި ރޭ ޒުވާނުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ސަރުކާރުގެ އިސްލާޙީ އެޖެންޑާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އިސްލާޙުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުން ރައީސަކު އިންތިޚާބު ކުރަނީ އެ ރައްޔިތުންގެ ލާބައަށް މަސައްކަތްކުރެއްވުމަށް ކުރާ އިތުބާރެއްގެ މަތީގައި ކަމަށެވެ. އަދި މިހާރު ގެންނަވަމުންދާ ބަދަލުތަކަކީ ދުރާލާ ރޭވިގެން، ދައުލަތަށް އެންމެ ފައިދާހުރި ގޮތްތައް އިސްކުރުމުގެ ނިޔަތުގައި ކުރައްވާ ކަންކަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“އަޅުގަނޑު ބޭނުންވަނީ ބަދަލުތައް ގެންނަން، ރައްޔިތުންނަށް ހެވާއި ލާބަ ލިބޭގޮތަށް ގައުމަށް ފައިދާވާ ގޮތަށް ކުރިޔަށް އޮތް މުސްތަގުބަލް އުޖާލާވާގޮތަށް.” ރައީސް ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރުމަށް ހުށަހަޅުއްވާ އިސްލާހާ ބެހޭގޮތުން ތަފްސީލީ މަޢުލޫމާތު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މަޖިލީހުގެ ގޮނޑިތައް ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރުމަކީ ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް ބަރޯސާވާނޭ ކަމެއް ނޫން ކަމަށެވެ. އަދި މަޖިލިސް މެންބަރުންގެ ޢަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާ ދިއުން ހުއްޓުވައި، އެކަން އިޞްލާޙުކުރުމަށްވެސް ހުށަހަޅުއްވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
“މުސްތަގުބަލް އުޖާލާކުރަން ބޭނުންކަމަށްވަންޏާ މި ގައުމަށް އިސްލާހީ ހެޔޮ ބަދަލުތައް ގެންނަން އެބަޖެހޭ. އެކަން ކުރަން އަޅުގަނޑު ރައްޔިތުން ކުރިމައްޗަށް އައީ ރައްޔިތުން އަޅުގަނޑަށް އިތުބާރުކޮށްފަ ފުރުސަތު ދިނީ ޒިންމާ ހަވާލުކުރީ، އެހެންވީމަ އަޅުގަނޑުގެ އަމިއްލަ ފަސޭހައަކަށް ނޫނީ ނޫނިއްޔާ އަމިއްލަ ކޮންވީނިއަންސްގައި ކަންތައްތަކެއް ކުރުމުގެ ބަދަލުގައި ގައުމަށް އެންމެ ފައިދާހުރީ ކޮންކޮން ކަންކަމެއްގައިތޯ ބަލައި އެކަންކަމެއް އަޅުގަނޑު ރައްޔިތުންނަށްޓަކައި އިސްލާހު ހުށަހަޅައި ބަދަލުތަކެއް ގެންނަމުން ކުރިއެރުންތަކެއް ގެންނަމުން ތަރައްގީގެ ކަންކަން ކުރަމުން އެގެންދަނީ.” ރައީސް ވިދާޅުވިއެވެ.
ކުރިއަށް އޮތް އޭޕްރީލް މަހު ބާއްވަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓާއި، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ސަބަބުން ސަރުކާރު އެކުލަވާލުމަށްފަހު ފުރަތަމަ ހަ މަސްދުވަހު ސަރުކާރުގެ މަސައްކަތްތައް މަޑުޖެހިފައި (ލިމްބޯއެއްގައި) އޮންނަ އޮތުމަށް ނިމުމެއް އަންނާނެ ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓުންނަށް މަޖިލިސް އިންތިޚާބުގައި ލިބޭ ނާޖާއިޒު ފައިދާތައް ކުޑަވެ، މިނިވަން އަދި އަދުލުވެރި އިންތިޚާބެއް ބޭއްވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޒުވާނުންނާ ގުޅުންހުރި އެކި ދާއިރާތަކުން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތަފާސްހިސާބުތައް ޙިއްޞާކުރައްވަމުން، ރައީސް ވަނީ ސަރުކާރުގެ އިޞްލާޙީ މަސައްކަތްތަކާ މެދު މިހާރުއްސުރެ ޒުވާނުންގެ މެދުގައި މަޝްވަރާކޮށް، ޒުވާނުންގެ އަޑު އިއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެމަނިކުފާނުގެ އަމާޒަކީ ޒުވާނުން ބާރުވެރިކޮށް، ޤައުމުގެ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުން ކަމުގައިވެސް ވިދާޅުވިއެވެ.