ރާއްޖޭގެ މައިގަނޑު ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަންޖެހެނީ، އިންތިޚާބުތަކާ ދިމާކޮށް ހިންގާ “ކަޑަޖެހުން” ހުއްޓުވައި ހުދުމުޚުތާރު ނިޒާމު ނައްތާލުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
‘ސަންގު ޓީވީ’ން ގެނެސްދިން “އެސްޕްރެސޯ ވިތު ރައީސް” ޕްރޮގްރާމުގައި ރައީސް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ ސަރުކާރު ޖަވާބުދާރީކުރުވޭނެ މަޖިލީހެއް އިންތިޚާބު ކުރުމަށް އޮތް މުހިންމު މަގެއް ކަމަށެވެ. އަދި ހުދުމުޚުތާރުކޮށް ވެރިކަން ކުރަން ބޭނުންވާ ބަޔަކު އަބަދުވެސް ބޭނުންވާނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދައިގެން ސަރުކާރު ޖަވާބުދާރީވިޔަ ނުދީ ހިފެހެއްޓުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“ހުދުމުހުތާރު ކަމާ ޑިކްޓޭޓާޝިޕް ހިންގަން ބޭނުންވާ މީހުން ބޭނުންވާނީ ސުޕަމެޖޯރިޓީ މަޖިލީހުން ހޯދަން. އެއީ އެތަނުގެ ތެރެއިން ސަރުކާރު ޖަވާބުދާރީއެއް ނުކުރަންވެގެން،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެ އިންތިޚާބު ވަކިވަކިން ބާއްވަން ވަކާލާތު ކުރަނީ ރާއްޖޭގައި ކުރިން އޮތް ހުދުމުޚުތާރު ނިޒާމު ދަމަހައްޓަން ބޭނުންވާ ފަރާތްތައް ކަމަށެވެ. އަދި ސަރުކާރު ހޮވޭ ދުވަހު މަޖިލީސް ވެސް އިންތިޚާބު ކުރުމުން، ދައުލަތުގެ ބާރުތަކުގެ މެދުގައި ‘ޗެކް އެންޑް ބެލެންސް’ ނުވަތަ ފާރަވެރިވުމުގެ ނިޒާމެއް ހަރުދަނާވެ، ސީދާ ރައްޔިތުންގެ ބާރުވެރިކަން ގާއިމުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށްޓަކައި މަޖިލީހަކީ ތަފާތު ފިކުރުތައް ހަމަހަމައަށް ބެހިފައިވާ ތަނަކަށް ވާންޖެހެއެވެ.

އިންތިޚާބާ ދިމާކޮށް އެކި މަޝްރޫޢުތަކުގެ ބިންގާ އެޅުމާއި “ކަޑަޖެހުމުގެ” ޒަމާން މިހާރު ރައްޔިތުން ބަލައިނުގަންނަ ކަމަށާއި، އެކަމުން ސަލާމަތްވުމަށް އިންތިޚާބީ ނިޒާމު އިޚްލާޞްތެރިކަމާއެކު ބައްޓަންކުރަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ވަނީ މެންބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމަށް “ރިކޯލް ވޯޓު”ގެ ނިޒާމެއް ތަޢާރަފްކުރުމަކީ ސަރުކާރުގެ އިސްލާހީ އެޖެންޑާގައި ހިމެނޭ ކަމެއްކަން ހާމަކުރައްވާފައެވެ. އޭރުން ދައުރުގެ މެދުތެރޭގައި މެންބަރަކު ޒިންމާ އަދާނުކުރާނަމަ، ރައްޔިތުންނަށް އެ މެންބަރަކު މަގާމުން ދުރުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“އޭރުން މަޖިލިސް ކައުންސިލުވެސް ސަރުކާރުވެސް ހިނގާނެ ވަރަށް ހަރުދަނާކަމާ އެކީގަ، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާ އެކީގަ އިންތިޚާބުތައްވެސް ބޭއްވޭނީ، ހަގީގީ މާނައިގަ ފްރީ އެންޑް ފެއާކޮށް ވަރަށް ހައި ޓާންއައުޓެއްގަ،” ރައީސް ވިދާޅުވިއެވެ.
ނަމަވެސް، ރައީސްގެ މި ވިސްނުމާ މެދު ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރު ވަނީ ފާޑުވިދާޅުވެފައެވެ. މުނައްވަރު ވިދާޅުވީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ ވެރިން ޖަވާބުދާރީކުރުވުމާ ދުރުކުރުވާ، ހުދުމުޚުތާރުވުމުގެ ވިސްނުމެއް ކަމަށެވެ. ހަމައެއާއެކު، އިދިކޮޅު އެމްޑީޕީން ވެސް ދަނީ މި ބަދަލަކީ ކުރިމަތިވެދާނެ ބޮޑު ނުރައްކަލެއް ކަމަށް ބުނެ އެކަމާ ދެކޮޅަށް ވަކާލާތު ކުރަމުންނެވެ.
ސަރުކާރުން ގަބޫލުކުރާ ގޮތުގައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ދައުލަތުގެ ޚަރަދުތައް ކުޑަވެ، ސިޔާސީ ހަމަޖެހުން ގާއިމުވުމަށް މަގުފަހިވާނެއެވެ.