ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލްތަކުގެ މެންބަރުންގެ މަސައްކަތްތަކާމެދު ރައްޔިތުން ހިތްހަމަނުޖެހޭ ހާލަތްތަކުގައި، އެ ބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
ޒުވާނުންނާ ބައްދަލުކުރެއްވުމަށް “ޔޫތު ހަބް” ގައި ބޭއްވި ހާއްސަ އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން ހުށަހަޅާ އިސްލާހީ އެޖެންޑާގެ ދަށުން “ރީކޯލް ވޯޓު” ނުވަތަ މެންބަރުން ވަކިކުރުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިކޮށްދެއްވާނެ ކަމަށެވެ. މި ބަދަލު ގެންނަން ނިންމެވީ އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ރައްޔިތުންނަށް ޖަވާބުދާރީވުން އިތުރުކުރުމުގެ މަގްސަދުގައެވެ.
“މާނައަކީ ކޮބާ، މަޖިލީސް މެންބަރުން ނުވަތަ ކައުންސިލަރުންގެ ޕާފޯމެންސް ދަށްވީ ނޫނިއްޔާ ގާނޫނުގައި އޮންނަ ކަންކަން އެ ބޭފުޅުންގެ ކިބައިން ދިޔައީ، ދާ ހިސާބުން ރައްޔިތުންނަށް ފުރުސަތު ލިބޭނެ އެ ކަނޑައެޅިފައި އޮންނަ ގޮތަކަށް ވަކި އަދަދަކަށް ޕެޓިޝަން ހުށަހަޅައިގެން، މަޖިލީސް ތެރޭގައި ވަކި %ގެ ވޯޓު ހަމަކޮށްގެން، އެ މީހާ މަގާމުން ދުރު ކުރެވޭނެ، މަޖިލީސް މެންބަރުންވެސް ކައުންސިލް މެންބަރުންވެސް،”. ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، މަޖިލީސް މެންބަރުންނާއި ކައުންސިލަރުންގެ ފެންވަރު ދަށްވުން ނުވަތަ ގާނޫނުގައި ބަޔާންކުރާ ޝަރުތެއް އުނިވެއްޖެ ހާލަތެއްގައި، ރައްޔިތުންގެ ވަކި އަދަދަކަށް ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅައިގެން އެ މެންބަރަކު ވަކިކުރުމުގެ މަސައްކަތް ފެށޭނެއެވެ. އަދި މަޖިލީހުގެ ތެރެއިން ވަކި އިންސައްތައެއްގެ ވޯޓު ހަމަކޮށްގެން، އެ މީހަކު މަގާމުން ދުރުކުރެވޭނެ އުސޫލެއް ގާނޫނުގައި ކަނޑައަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އެހެންވީމަ ދައުރު މެދުތެރެއިން މަޖިލިސް އިންތިޚާބު ބާއްވާކަން ނުޖެހޭނެ. ހަމަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބާއްވާފައި މެންބަރުން ހޮވަންވީ. ހޮވާފައި ދައުރު ތެރޭގައި އެ ޤާނޫނަށް ކަނޑައަޅާ ޝަރުތެއް ނޫނީ ކަމެއް އުނިވީ، އެހިސާބުން ރައްޔިތުންނާ ފުރުސަތު އެބަލިބޭ އެ ގޮނޑިން ބޭރުކުރަން” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ވެސް ރައީސް ރައްދު ދެއްވިއެވެ. ބައެއް ފަރާތްތަކުން އެކަމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމުގެ ފުރުސަތު ގެއްލޭ ކަމަށް ބުނަމުންދާތީ، ރައީސް ވިދާޅުވީ ގާނޫނުއަސާސީގައި އެކަން އޮތީ ވަރަށް ސާފުކޮށް ކަމަށާއި، މަޖިލީހުގެ ދައުރުގެ މެދުތެރެއިން އިންތިހާބެއް ބޭއްވުމަކީ މަޖިލީހުގެ ދައުރާ ގުޅޭ ކަމެއް ނޫން ކަމަށެވެ.

ރައީސް މުއިއްޒުގެ އިސްލާހީ އެޖެންޑާގައި ހިމެނޭ އެހެނިހެން މުހިންމު ކަންކަމުގެ ތެރޭގައި:
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންޓްރޯލް ކުރުން.
- ރިޔާސީ ދައުރު ނޮވެމްބަރު 11 ގައި ފަށާގޮތަށް ބަދަލުކުރުން.
- ރިޔާސީ އިންތިހާބު އެއް ބުރުން ނިންމާލެވޭ “ޕްރިފަރެންޝަލް ވޯޓިންގ” ނިޒާމެއް ތައާރަފުކުރުން.
- މަޖިލީހުގައި އަންހެނުންނާއި ޒުވާނުންނަށް ހާއްސަ ގޮނޑިތަކެއް ކަނޑައެޅުން.
- ޖޭއެސްސީގެ އެކުލެވުން ބަދަލުކޮށް، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުން ހިމެނެއެވެ.
މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ފެންނަ ނުފެންނަ ވޯޓަށްފަހު، ގުޅިގެން ޤާނޫނުތަކަށް ގިނަ އިސްލާހުތަކެއް ގެނައުމަށް ސަރުކާރުން ގަސްތުކޮށް އެކަމުގެ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ތެރެއިން އެއް އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ މައްސަލަ ހައްލުކުރުމަށް ގެންނަ އިސްލާހެވެ.
މި އިސްލާހުތައް ގެނައުމުގައި ރައްޔިތުންގެ އާންމު ހިޔާލު ހޯދުމުގެ ވޯޓެއް (ރެފަރެންޑަމް) ނަގައި، ރައްޔިތުން ނިންމާ ގޮތެއްގެ މައްޗަށް ބިނާކޮށް ކުރިއަށްދާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.