ހއ. ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވީ މިކަމަށްޓަކައި ދިއްދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އޮނަރަބަލް ޢަބްދުالله ރާފިޢު އެވެ. މި ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލް ލަތީފު މުޙައްމަދާއި، އެމްޓީސީސީގެ މެނޭޖިން ޑައިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީގެ އިތުރުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުالله ރަޝީދު އަދި ރަށުގެ މުޢައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 28.50 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމާއި، ޕިޗު އެޅުމާއި، ބައުންޑަރީ ފާރު ރޭނުމާއި، ފެންސް ޖެހުމުގެ އިތުރުން ލައިޓިންގ ސިސްޓަމް ހަރުކުރުމާއި ރޮސްޓްރަމް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 360 ދުވަހުގެ މުއްދަތެކެވެ.
4,186 މީހުންގެ އާބާދީއެއް އޮންނަ ދިއްދޫއަކީ ފުޓްބޯޅައަށް ވަރަށް ބޮޑު ލޯތްބެއް އޮންނަ ރަށެކެވެ. މި މަޝްރޫޢު ނިމުމުން، ދިއްދޫގެ ޒުވާނުންނަށާއި ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ބޮޑެތި ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.
މީގެ އިތުރުން، މި ފުޓްބޯޅަ ދަނޑު ތަރައްޤީވެގެން ދިއުމަކީ ރަށުގެ ރައްޔިތުންނަށް ސިއްޙީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމެކެވެ. މިކަމުގެ ސަބަބުން ރަށުގެ އިޖުތިމާޢީ ގުޅުން ބަދަހިވެ، އެކުވެރި މުޖުތަމަޢެއް ބިނާކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.