ގދ. ފަރެސްމާތޮޑާގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ފަރެސްމާތޮޑާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފްއެވެ. މި ރަސްމިއްޔާތުގައި ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު އަޝްރަފު ރަޝީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިސްމާޢިލް ހަމީދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޖަމްޝީދާއި، ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަޙްމަދު އިމްތިޔާޒުގެ އިތުރުން ރަށުގެ މުޢައްސަސާތަކުގެ އިސްވެރިންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އެ ރަށުގެ 11.25 ކިލޯމީޓަރުގެ 36 މަގެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ތެރޭގައި މަގުތަކުގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސަރވިސް ލައިން އެޅުމާއި، ޕޭވްމަންޓް ހެދުމުގެ އިތުރުން ދުއްވާ ސަރަހައްދުތައް ތަރައްޤީކޮށް މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. ޖުމްލަ 255.21 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާކުރެވޭ މި މަޝްރޫޢު ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 1140 ދުވަހުގެ މުއްދަތެކެވެ.
ފަރެސްމާތޮޑާ ބިން ހިއްކުމާއި، ބަނދަރާއި، ދޯނި އެހެލާ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްވެސް މިއަދު ވަނީ ފަށާފައެވެ.
ގާތްގަނޑަކަށް 2000 މީހުންގެ އާބާދީއެއް އޮންނަ ފަރެސްމާތޮޑާއަކީ މަސްވެރިކަމަށް ނަން މަޝްހޫރު ރަށެކެވެ. އަދި އެ ރަށަކީ ހުވަދޫ އަތޮޅުގެ އެއާޕޯޓު އޮންނަ ރަށަށް ވުމާއެކު، ރަށުގެ މަގުތައް ބޭނުންކުރާ މީހުންގެ އަދަދު ނިސްބަތުން ގިނައެވެ. ނަމަވެސް، ރަށުގެ މަގުތައް އަޑިގުޑަންވެ، ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުމުގެ ސަބަބުން، ވިއްސާރަ މޫސުމުގައި މަގުތަކުގައި ޗަކަ ހެދި، ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާ ތަކެއްޗަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހެއެވެ.
މިއަދު އަމަލީ މަސައްކަތް ފެށިގެންދިޔަ މި މަޝްރޫޢު ނިމުމާއެކު، ފަރެސްމާތޮޑާގެ ރައްޔިތުންނަށް ޒަމާނީ، ރަނގަޅު ފެންވަރުގެ އަދި ރައްކާތެރި މަގުތަކެއް ލިބި، ދަތުރުފަތުރުގެ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.