މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބިޔަ އެއް މަޝްރޫޢު ކަމަށްވާ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ގިރާވަރުފަޅަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގައި އިސްކޮށް ހުންނެވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދެވެ. މި ދަތުރުފުޅުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބޭފުޅުންގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބިން ހިއްކުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވައި، އަމަލީ މަސައްކަތްތައް ހިނގަމުންދާ ގޮތް ގާތުން ބައްލަވާލައްވާފައެވެ.
އެމްއޭސީއެލްއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ތަފްޞީލަށް ބަލާއިރު، މި މަޝްރޫޢުގެ ދަށުން ޖުމްލަ 97.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 35 ހެކްޓަރުގެ ބިން މިހާރު ވަނީ އެއްކޮށް ހިއްކާ ނިންމައި ފެނުން މައްޗަށް ނެރެފައެވެ. ބާކީ އޮތް ބައި ހިއްކުމުގެ މަސައްކަތް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާއިރު، މި މަސައްކަތުގައި ބޭނުންކުރަނީ ދުނިޔޭގެ ފެންވަރުގެ ބޮޑެތި ޑްރެޖަރުތަކެވެ. އެގޮތުން 35,000 ކިއުބިކް މީޓަރުގެ ‘ކުއީން އޮފް ދަ ނެދަލޭންޑްސް’ އާއި 22,000 ކިއުބިކް މީޓަރުގެ ‘އޮރޭންޖް’ ނަމަކަށް ކިޔާ ޑްރެޖަރު މި މަސައްކަތުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ސަރުކާރުން އެކުލަވާލާފައިވާ އާ ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތުން، ގިރާވަރުފަޅުން ޖުމްލަ 4,072 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މިހާރުވެސް ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ބާއްވައި، ގޯތި ލިބުނު ފަރާތްތަކުގެ ހާޒިރުގައި ޕްލޮޓްތައް ކަނޑައަޅައި، ގުރުއަތުން ހޮވުނު ޕްލޮޓް ނަންބަރުތައް ވަނީ އެ ފަރާތްތަކާ ހަވާލުކުރެވިފައެވެ.
މި މަޝްރޫޢަކީ މާލޭ ސަރަޙައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސް ޑޮކްޓަރ މުޢިއްޒުގެ ސަރުކާރުން ދެއްވާ މުހިންމު އަހައްމިއްޔަތެއްގެ ރަމްޒެކެވެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައި، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.