މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ތިލަފުށީގައި ގާއިމްކޮށްފައިވާ “އެމްޕްޓީ ކޮންޓޭނަރ ޑީޕޯ” ގެ ކެޕޭސިޓީ އިތުރުކޮށް، އެ ސަރަހައްދު ބޭނުންކުރަން ފަށައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ބޭނުންކުރަމުން އަންނަ މި ޑީޕޯގެ ބިން އެއްވަރުކޮށް، ޖާގަ ބޮޑުކުރުމާއެކު މިހާރު އެތަނުގައި 3،000 ޓީ.އީ.ޔޫ (ޓްވެންޓީ ފޫޓް އިކުއިވަލަންޓް ޔުނިޓްސް) ބެހެއްޓޭނެއެވެ. މީގެ ކުރިން މި ޑީޕޯގައި ހުރީ 1،600 ޓީ.އީ.ޔޫ ބެހެއްޓޭނެ ޖާގައެވެ.
މި ބަދަލާއެކު މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގެ އޮޕަރޭޝަންތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ. މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫއަކީ މި ސަރުކާރުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަޝްރޫއެވެ.
މި މަޝްރޫއުގެ ދަށުން ތިލަފުށީގައި ޒަމާނީ ބަނދަރެއް ތަރައްގީކުރުމުގެ ފޭސް-1 ގެ ޑިޒައިން އަދި ސާވޭގެ މަސައްކަތް މިދިޔަ ފެބްރުއަރީ މަހު ވަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ ހަވާލުކޮށްފައެވެ. މިހާރު އެ ކުންފުނިން ދަނީ “ޖިއޯ ޓެކްނިކަލް” ސާވޭގެ މަސައްކަތްތައް ކުރަމުންނެވެ.
މި ޑީޕޯ ބޭނުންކުރަން ފެށުމުން ޖާގައިގެ ދަތިކަމުގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގެ އޮޕަރޭޝަންސްތަކަށް ދިމާވެފައިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބގެންދިޔަ ނަމަވެސް، ބަނދަރުގެ ޖާގައިގެ ދަތިކަމަކަށް ފުރިހަމަ ހައްލެއް ލިބޭނީ މިހާރު ރޭވިފައިވާ ގޮތަށް ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުން ކަމަށާއި ތިލަފުށީގައި ތަރައްގީ ކުރުމަށް ރާވާފައިވާ ބަނދަރުގެ މަސައްކަތްތައްވެސް ބާރަށް ކުރިއަށް ގެންދާ ކަމުގައި އެމްޕީއެލުން ބުނެއެވެ.
ޖުމްލަ 250 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވޭ މި މަޝްރޫއު ނިމުމުން، މާލޭގެ ވިޔަފާރި ބަނދަރު އެއްކޮށް ތިލަފުއްޓަށް ބަދަލުކުރެވޭނެއެވެ. ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނިޔަލަށް މި ބަދަލު ގެނެސް، މާލޭގެ ބަނދަރު ހުރި ސަރަހައްދުގައި ބައިނަލްއަގުވާމީ ފެންވަރުގެ ކްރޫޒް ޓާމިނަލެއް ތަރައްގީކުރުމެވެ.
އެމްޕީއެލް އިން ބުނި ގޮތުގައި، ތިލަފުށީގެ ޑީޕޯގެ ކެޕޭސިޓީ އިތުރުކުރުމަކީ ވަގުތީ ހައްލެއް ނަމަވެސް، މުޅި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ތިލަފުށީގައި އަލަށް ތަރައްގީކުރާ ބަނދަރުގެ މަސައްކަތް ނިމުމުންނެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރޫއުގެ ހުރިހާ މަސައްކަތެއް 2028 ވަނަ އަހަރުގެ ކުރިން ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.