ގދ. ފަރެސްމާތޮޑާގެ ބިން ހިއްކުމާއި، ބަނދަރު ބޮޑުކުރުމުގެ އިތުރުން ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ފަރެސްމާތޮޑާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފެވެ. މި ރަސްމިއްޔާތުގައި ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު އަޝްރަފު ރަޝީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިސްމާޢިލް ހަމީދު އަދި އެމްޓީސީސީގެ އިސްވެރިންނާއި ރަށު ކައުންސިލްގެ ރައީސް އަޙްމަދު އިމްތިޔާޒު ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 18 ހެކްޓަރުގެ ބިން ހިއްކުމާއި 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތަކީ 142.67 މިލިއަން ރުފިޔާއަށް 270 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

މީގެ އިތުރުން، ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢަކީ 226.18 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 465,726 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅާއި ނެރު ފުންކުރުމާއި، 1,416 މީޓަރުގެ އެއްގަމުތޮށި ލުމާއި، ރިވެޓްމެންޓް ޖެހުމާއި، 9,206 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ އިތުރުން ކޮންކްރީޓް ބްރިޖެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް ނިންމުމަށް އެމްޓީސީސީއަށް ދީފައި ވަނީ 780 ދުވަހުގެ މުއްދަތެކެވެ.
ގާތްގަނޑަކަށް 2,000 މީހުންގެ އާބާދީއެއް އޮންނަ ފަރެސްމާތޮޑާއަކީ މަސްވެރިކަމަށް ނަމޫނާ ރަށެކެވެ. އަދި އެ ރަށުގައި އެއާޕޯޓެއް އޮތުމުގެ ސަބަބުން، އެކި ބޭނުންތަކަށް ބަނދަރަށް ލަފައިފުރާ އުޅަނދުފަހަރުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި މަޝްރޫޢުތަކާއެކު ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، އޮޑިދޯނިފަހަރު އެހެލުމާއި މުދާ އުފުލުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ހަމައެހެންމެ، ބިން ހިއްކުމުގެ މަސައްކަތާއެކު ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ބޮޑު އުއްމީދެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.