ގދ. ހޯޑެއްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ހޯޑެއްދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަޠީފްއެވެ. މި ރަސްމިއްޔާތުގައި މަޑަވެލި ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޝަމީޒް އާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިސްމާޢިލް ހަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޖަމްޝީދާއި، ގދ. ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝްގެ އިތުރުން ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ހޯޑެއްދޫގެ 7 މަގެއްގައި ޖުމްލަ 3.33 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ ތެރޭގައި މަގުތަކުގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސަރވިސް ލައިން އެޅުމާއި، ޕޭވްމަންޓް ހެދުމުގެ އިތުރުން ދުއްވާ ސަރަހައްދު ތަރައްޤީކުރުމާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ. މިއީ 93.06 މިލިއަން ރުފިޔާ ހަރަދުކޮށްގެން 720 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
1,347 މީހުންގެ އާބާދީއެއް އޮންނަ ހޯޑެއްދޫގެ މަގުތަކަކީ މިހާރު އަޑިގުޑަން ގިނަ، އަދި ވިއްސާރަ މޫސުމުގައި ފެންބޮޑުވެ ޗަކަ ހެދުމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ ތަކެއްޗަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭ މަގުތަކެކެވެ. މި މަޝްރޫޢު ނިމުމާއެކު، ރަށުގެ ރައްޔިތުންނަށް ޒަމާނީ، ރައްކާތެރި އަދި ފެންވަރު ރަނގަޅު މަގުތަކެއް ލިބިގެންދާނެއެވެ.