ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ގާނޫނީ މައްސަލައެއް އޮތް ކަމަކަށް ނުފެންނަ ކަމަށް ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ “ސިޔާސަތު ހާއްސަ” ޕެނަލް ޑިސްކަޝަނުގައި ވާހަކަދައްކަވަމުންނެވެ. އާޒިމާ ވިދާޅުވިގޮތުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ގާނޫނީ ގޮތުން އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. އަދި ގާނޫނުއަސާސީން އެކަންތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތްވާ ދެ އިންތިހާބު އެއް ނުކުރެވޭނޭ ބުނުމުގެ ހައްގެއް ނެތް ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.
“ދެ އިންތިހާބު އެއްކުރުމަށް ގާނޫނީ މައްސަލައެއް އަދި އަޅުގަނޑުމެންނާ ހަމައަކަށް ނުފެނޭ ގާނޫނީ މައްސަލައެއް މިގޮތަކަށް ނުކުރެވޭ. ގާނޫނު ވަރަށް ސާފު މިހާހިސާބަށް މިއަދުވެސް ސްޕްރީމް ކޯޓުން އަޑުއިވިގެން ދިޔައީ ގާނޫނުގެ އެ މާއްދާ ނޫނިއްޔާ އެ ސުވާލު ފަރުމާކޮށްފައި އެބައޮވޭ. ނޫނިއްޔާ މިސާލަކަށް އޭގެ އިބާރާތް އެބަ އޮވޭ.” އާޒިމާ ވިދާޅުވިއެވެ.
ރާއްޖެ ކުރިޔަށްދާނެ މަގެއް ކަނޑައަޅަން އެބަޖެހޭ ކަމަށާއި ދައުލަތް ހިންގުމަށްޓަކައި، މިނިވަން މުސްތަގިއްލުކަން ހިފެހެއްޓުމަށްޓަކައި ރައްޔިތުންގެ މަޖިލިސް ބަދަލުކުރަން ޖެހޭ ކަމަށް އާޒިމާ ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަވާބުދާރީކުރުވުން މިއަށްވުރެ ވަރުގަދަކުރަން ޖެހޭ ކަމަށާއި އެކަން ކުރުމަށް ދެ އިންތިހާބު އެއްކޮށްލަން ނޫނީ ވަކިވަކިން ބޭއްވުން މުހިންމު ނޫން ކަމަށް ވިދާޅުވިއެވެ. އަދި މިހާރު އޮންނަ ގޮތަށް ވަކިވަކިން އިންތިހާބު އޮންނައިރުވެސް، ޖަވާބުދާރީކުރުވުމުގެ މަސައްކަތް މަޖިލީހުން ފުރިހަމައަށް އަދާނުކުރެވޭކަން އާޒިމާ ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެން އެބަޖެހޭ މި ސިޔާސީ ހަށަވާދަ ހުއްޓާލަން. އަޅުގަނޑުމެން އެބަޖެހޭ ގާނޫނީ އޮނިގަނޑުގެ ތެރެޔަށް ވަންނަން. ވަދެ ގާނޫނީ އޮނިގަނޑު އޮތްގޮތަށް މިކަން ކުރެވޭތޯ ބަލަން. އެހެންވީމާ ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް އެބައޮތް ރައީސުލްޖުމްހޫރިއްޔާ އިމްޕީޗުކުރާނެ ގޮތްތައް. އެ އޮޮނިގަނޑުގެ ތެރެއިން ހިނގަން ދަސްކުރަން އެބަޖެހޭ.” އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވި ގޮތުގައި ގާނޫނު އަސާސީގައި ހުރިހާ ކަމެއް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތްވާ، އެއިން ބޭރުން ކަންތައް ހިންގުމަކީ ނުވަތަ ގާނޫނީ އޮނިގަނޑުން ބޭރުން ކަންތައް ކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތެއް ނޫނެވެ.