ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ އޭގެ ސަބަބުން ގައުމަށާއި ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ވިދާޅުވެ އެކަމަށް ތާއީދުކުރައްވާކަން އެމްޑީޕީ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކުރަމް ކަމާލުއްދީން ހާމަކުރައްވައިފިއެވެ.
އެންމެ ފަހުން ބޭއްވި މަޖިލީސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަކުރަމް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވަނީ މި ދެ އިންތިޚާބު އެއްކޮށްލުމަށް ތާއީދުކުރައްވާ މައިގަނޑު ހަ ސަބަބެއް ތަފްސީލީ ގޮތެއްގައި ބަޔާންކުރައްވާފައެވެ.
އަކުރަމް ފާހަގަކުރެއްވި ގޮތުގައި، ދެ އިންތިޚާބު އެއްކޮށްލުމުން ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ، ވެރިކަމަށް ކުރިމަތިލާ ފަރާތުން މަޖިލިސް ގޮނޑިތައް ހޯދުމަށް ކުރާ މަސައްކަތާއި ފޯކަސް ކުޑަވުމެވެ. މީގެ ސަބަބުން ނުފޫޒުން އެއްކިބާވެ، ރައްޔިތުން ބޭނުންވާ ފަދަ މިނިވަން މަޖިލީހެއް އިންތިޚާބު ކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި ވޯޓުލާ މީހާއަށް ވެރިކަމަށް އަންނާނީ ކޮން ޕާޓީއެއްގެ ކެނޑިޑޭޓެއްކަން ކުރިން ނޭނގޭތީ، މެންބަރުން ހޮވުމުގައި ޕާޓީއަށްވުރެ ބޮޑަށް ކެނޑިޑޭޓުގެ ގާބިލިއްޔަތަށް ބަލައި ހިތް އެދޭ ފަރާތެއް އިޚްތިޔާރުކުރަން ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިގްތިސާދީ ގޮތުންނާއި ސަރުކާރުގެ ހިންގުމަށް އަންނާނެ ހެޔޮ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން އަކުރަމް ވިދާޅުވީ، އިންތިޚާބުގެ ފްރެޝަރާ ހެދި ސަރުކާރުގެ މައިގަނޑު އަމާޒުތައް އަބަދު ބަދަލުކުރަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެ ކަމަށެވެ. މީގެ އިތުރުން، ދައުލަތުންނާއި ޕާޓީތަކުން އިންތިޚާބުތަކަށް ކުރާ ބޮޑު ހޭދަ ކުޑަވެގެންދާނެއެވެ. ވަޒީފާގެ ފުރުސަތުތައް އިންތިޚާބަށް އަމާޒުކޮށް އިތުރުކުރުން ފަދަ ސިޔާސީ އުކުޅުތައް މަދުވެ، ދައުލަތުގެ ބަޖެޓަށް ލުއި ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުގައި ބޮޑެތި ފައިދާތަކެއް އެބަހުރި:
އެއް ކަމަކީ ، ވެރިކަމަށް ކުރިމަތިލާ ފަރާތުން ނުވަތަ ވެރިކަމުގައި ހުރެ އިތުރު ދައުރަކަށް ކުރިމަތިލާ ފަރާތުން މަޖިލިސް ހޯދުމަށް ފޯކަސް ކުރާ މިންވަރު ކުޑަވުމުން…
— Akram Kamaludeen (@Akramkdeen) March 26, 2026
އަކުރަމްގެ ޓްވީޓުގައި އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިޚާބަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ޝައުގުވެރިވާ އިންތިޚާބަށް ވާތީ، އެ ދުވަހު މަޖިލިސް އިންތިޚާބު ބޭއްވުމުން ވޯޓުލާން ނުކުންނަ މީހުންގެ އަދަދު އެތައް ގުނައަކުން އިތުރުވެ، ރައްޔިތުންގެ ފުރިހަމަ ތަމްސީލުވުން މަޖިލީހަށް ލިބިގެންދާނެ ކަމަށެވެ.
މި ސަބަބުތަކަށްޓަކައި، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަކީ ގައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށް އަކުރަމް ވަނީ ވިދާޅުވެފައެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އަކުރަމް ތާއީދުކުރައްވާފައިމިވަނީ އެމްޑީޕީގެ ވިސްނުމާ ދެކޮޅަށެވެ. އެމްޑީޕީން ދަނީ ދެ އިންތިހާބުއެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ކެމްޕޭނެއް ވެސް ކުރަމުން ނެވެ.