ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެ މަތީ ވެރިޔާ ނުވަތަ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ދެވަނަ ފުރުސަތުގައި ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
ހޯމް މިނިސްޓްރީން ހާމަކުރި ގޮތުގައި، ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހަޅުއްވާފައިވަނީ ފުލުހުންގެ ސަފުތަކުގައި އިސްކޮށް ތިއްބެވި ތިން ބޭފުޅުންނެވެ. އެއީ:
- ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ
- އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ)
- އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ޝަރީފް އެވެ.
މި މަގާމު ހުސްވެފައިވަނީ އެންމެ ފަހުން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ކުއްލި ގޮތަކަށް ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. ނަވީން ރިޓަޔާ ކުރެއްވުމުން، މިހާރު ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވީ ޑީޕީސީ ފަރުހާދު ފިކުރީއެވެ.
ސީޕީގެ މަގާމަށް ބޭފުޅަކު ހޯދުމަށް ފުރަތަމަ އިއުލާނުކުރީ، މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެއެވެ. އެހެންކަމުން، އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ފަހުން ވަނީ އިތުރުކޮށްފައެވެ.
މި ސަރުކާރު އައިފަހުން އެންމެ ފުރަތަމަ މި މަގާމަށް އައްޔަން ކުރެއްވީ އަލީ ޝުޖާއުއެވެ. ނަމަވެސް، އޭނާވެސް ވަނީ ފަހުން ރިޓަޔާ ކުރައްވާފައެވެ.
ފުލުހުންގެ ގާނޫނު ބުނާގޮތުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރާނީ، އެ މަގާމަށް ކުރިމަތިލާ ބޭފުޅުންގެ ތެރެއިން ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ގާބިލުކަން ހުރި ބޭފުޅުންގެ ނަންތައް މިނިސްޓަރަށް ހުށަހެޅުމުން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.