ހއ. އުތީމުގެ ބަނދަރު ތަރައްޤީ ކުރުމާއި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބޮޑު މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ސަރުކާރުން ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފު އަބްދުލް ރަޙްމާން ޔޫސުފެވެ.
މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 88.63 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 510 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރު ބޭސިން އަދި ނެރު ފުންކުރުމުގެ އިތުރުން، އެއްގަމުތޮށި ލުމާއި ބޭރުތޮށި ލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އެގޮތުން 61,870 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 310 މީޓަރުގެ އެއްގަމުތޮށި ލުމުގެ އިތުރުން، 409 މީޓަރުގެ ބޭރުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ.
ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 417 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 81 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި 1,703 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގައި ހިމަނާފައިވެއެވެ.
އާބާދީގައި 1,006 މީހުން ދިރިއުޅޭ އުތީމަކީ ތާރީޚީ ގޮތުންނާއި ފަތުރުވެރިކަމުގެ ގޮތުން ރާއްޖޭގެ މުހިންމު ރަށެކެވެ. ޤައުމީ ބަތަލު އައްސުލްޠާން މުޙައްމަދު ތަކުރުފާނުގެ ގަނޑުވަރު ހުންނަ މި ރަށަކީ ޗުއްޓީ ދުވަސްވަރު ގިނަ އަދަދެއްގެ ޒިޔާރަތްތެރިން ގޮސް އުޅޭ ރަށެކެވެ. އަދި މަސްވެރިކަމާއި، މާލެއަށް ދަތުރުކުރާ އުޅަނދުފަހަރު ގިނަ ރަށަކަށް ވުމާއެކު، މި މަޝްރޫޢުގެ ސަބަބުން ރަށަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
ސަރުކާރުން ބޭނުންވަނީ މި މަޝްރޫޢުގެ ސަބަބުން ރަށުގެ ގިރަމުންދާ ސަރަހައްދުތައް ހިމާޔަތްކޮށް، އުތީމުގެ ރައްޔިތުންނަށް އަމާން އަދި ތަނަވަސް ބަނދަރެއް ފޯރުކޮށްދިނުމަށެވެ. 1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ފާއިތުވި 45 އަހަރު ތެރޭގައި ރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިދީފައިވާ، ސަރުކާރުގެ ތަރައްޤީގެ މުހިންމު ބައިވެރިއެކެވެ.