އއ. ހިމަންދޫ އަދި ރ. ހުޅުދުއްފާރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ފައިނޭންސް އެންޑް އެކައުންޓިންގ ޖެނެރަލް މެނޭޖަރު ހަސަން ރިފާއީ ބުޝްރީއެވެ.
ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މި ދެ މަޝްރޫޢުވެސް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ދަށުން އެ ދެ ރަށުގެ މަގުތަކުގައި ތާރުއަޅައި، ފެންހިއްކާ ނިޒާމު ޤާއިމުކޮށް، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ސަރުކާރުން ރަށްރަށުގެ ބިނާރާ ތަރައްޤީއަށް ދެއްވާ އަހަންމިއްޔަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުތަކަކީ، ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފެށި މަސައްކަތެކެވެ. އާރުޑީސީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގުހެދުމުގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ހިންގަމުންދާ ކުންފުންޏެކެވެ.
މި މަޝްރޫޢުތައް ނިމުމުން ހިމަންދޫ އާއި ހުޅުދުއްފާރުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ހާލަތަށް ބޮޑު ކުރިއެރުމެއް އަންނާނެއެވެ.