ހދ. ވައިކަރަދޫގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށުގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢެއް ސަރުކާރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދުއެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔާރޑް) ޢަލީ ޒުހައިރުއެވެ.
ވައިކަރަދޫގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ އެޕާޓްމަންޓް ހިމެނޭ 50 ހައުސިންގ ޔުނިޓެވެ. މި މަޝްރޫޢަކީ ސަރުކާރުން ރަށްރަށުގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މިއީ އެ ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢަކަށްވީއިރު، މި މަޝްރޫޢު އެއްކޮށް ނިމުމުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ލިބޭނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް އެޗްޑީސީއަށް ދީފައިވަނީ 480 ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫޢު ނިމުމުން ވައިކަރަދޫގެ ގިނަ އާއިލާތަކަކަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
މި އެއްބަސްވުމުގެ ދަށުން، ހައުސިންގ ޔުނިޓްތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.