ރާއްޖޭގެ ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމަށާއި އުމްރާނީ ތަރައްޤީގެ މުހިންމު މަސައްކަތްތަކެއް ކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާއީލް ހަމީދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އބްދުލް ރަހްމާން ޔޫސުފްއެވެ. މި މަޝްރޫޢުތަކަކީ ރަށްރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.
ގދ. ހޯނޑެއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު
240 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫޢުގެ ދަށުން ހޯނޑެއްދޫގައި ގިނަ މަސައްކަތްތަކެއް ކުރެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- 831 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން.
- 539 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުން.
- 225 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުން ހިމެނެއެވެ.

ނ. ލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ތަރައްޤީގެ މަޝްރޫޢު
ލަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން، އެ ރަށުގެ އިޖުތިމާޢީ ބޭނުންތަކަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށް 360 ދުވަހުގެ މުއްދަތެއް އެމްޓީސީސީއަށް ވަނީ ދީފައެވެ. މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކަކީ:
- 320 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި ޖެހުން.
- 290 މީޓަރުގެ ގްރޮއީން ޖެހުން.
- މޫދަށް އެރޭނެ ޚާއްޞަ ސަރަޙައްދެއް ތަރައްޤީކުރުން ހިމެނެއެވެ.
މީގެއިތުރުން ދޯނި އެހެލާނެ ސަރަހައްދެއްވެސް މި މަޝްރޫއުގެ ދަށުން ގާއިމުކުރެވިގެންދާނެއެވެ،

ގއ. ނިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު
ގއ. ނިލަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ކުރަން ނިންމާފައިވާ މައިގަނޑު މަސައްކަތްތަކަކީ:
- 41,800 ސީބީއެމްގެ ވެލި ބޭނުންކޮށްގެން ބެކްފިލް އަދި ބީޗް ފިލް ކުރުން.
- 533 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުން.
- 145 މީޓަރުގެ ބޮޑުހިލަ ގްރޮއިން ޖެހުން އެވެ،
މި ތިން މަޝްރޫޢަކީވެސް ރަށްރަށުގެ ތިމާވެށި ރައްކާތެރިކޮށް، ރަށްގިރުމުގެ ސަބަބުން ރަށުގެ އުމްރާނީ ވަސީލަތްތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ. އެމްޓީސީސީން ބުނެފައިވަނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި މަސައްކަތްތައް ނިންމައި ރައްޔިތުންނަށް މި މަޝްރޫޢުތަކުގެ ފައިދާ ލިބިގެންދާނެ ކަމަށެވެ.