ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބޭނުންކުރާ ފަސިންޖަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް (ޓާމިނަލް 2) ކުރިމަތިން ޓެކްސީތަކަށް އަރާ ފޭބޭނެ އިންތިޒާމު މިއަދު ހަމަޖައްސައިފިއެވެ.
އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވި ގޮތުގައި، މިއަދު ހެނދުނު 10:00 އިން ފެށިގެން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލަކީ އެތެރެއިން އުދުހުންތަކުގައި ދަތުރުކުރާ ފަރާތްތަކަށް ޓެކްސީ ހޯދުމުގައާއި ޓެކްސީން ފޭބުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ގެނައި ބަދަލެކެވެ.
އަލަށް ގެނައި ބަދަލުތަކުގެ ތަފްސީލް ހާމަކުރަމުން އެމްއޭސީއެލް އިން ބުނީ، ޓާމިނަލް ދޭއްގެ އެރައިވަލް ބައިގެ ކުރިމަތިން އޮންނަ ސަރަހައްދު މިހާރު ހާއްސަކޮށްފައިވަނީ ފަސިންޖަރުން ޓެކްސީން ފޭބުމަށެވެ. މި ސަރަހައްދުގައި އެއްފަހަރާ ހަތަރު ޓެކްސީއަށް މަޑުކޮށްލެވޭނެ ޖާގަ ނުވަތަ ސްލޮޓްތައް ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، އެ ޓާމިނަލްގެ ޑިޕާޗަރ ކުރިމަތިން އޮންނަ ސަރަހައްދު ހާއްސަކޮށްފައިވަނީ ފަސިންޖަރުން ޓެކްސީއަށް އެރުމަށެވެ. މި ސަރަހައްދުގައި އެއްފަހަރާ ފަސް ޓެކްސީއަށް މަޑުކޮށްގެން ތިބެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އެމްއޭސީއެލް އިން އިތުރަށް ބުނީ، މި އައު ބަދަލަށް އާންމުން އަހުލުވެރިކުރުވުމަށާއި ޓްރެފިކް ކަންކަން ތަރުތީބުން ކުރިއަށް ގެންދިއުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. މިއީ އެއާޕޯޓުގެ ހިދުމަތްތައް ހަރުދަނާކޮށް، ދަތުރުވެރިންނަށް ފަސޭހަ މާހައުލެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.