މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އަލަށް ފެށުމަށް ހަމަޖެހިފައިވާ “މާލެ ޓެކްސީ ލައިން” ގެ ޚިދުމަތަށް ބޭނުންވާ އިލެކްޓްރިކް އުޅަނދުތަކުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސް، ކްލިއަރެންސްގެ މަސައްކަތް ހުޅުމާލެ ޕޯޓުގައި ކުރިޔަށް ގެންގޮސްފިއެވެ.
މި މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި، މިހާރު ގެނެސްފައި ވަނީ ‘ޗަންގަން’ ބްރޭންޑުގެ S05 މޮޑެލްގެ ކާރުތަކެވެ. މީގެ އިތުރުން، ކުރިއަށް އޮތް ޝިޕްމަންޓްތަކުގައި ޗަންގަން އެސްއޯ7 މޮޑެލްއާއި، ކުދި ކާރުގެ ގޮތުގައި ބޭނުންކުރާ ‘ލޫމިން’ މޮޑެލްގެ އުޅަނދުތައް ހިމެނޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
The first shipment of electric vehicles for the Malé Taxi Line has arrived and is currently being cleared at Hulhumalé Port. The current shipment consists of the Changan model S05. Our next shipment will include the Changan models S07 and the more compact EV car model Lumin.… pic.twitter.com/jZT5Po0flQ
— MTCC Plc (@MTCCPlc) March 25, 2026
މި މަހުގެ ތެރޭގައި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާއިރު، މި ޚިދުމަތުގައި މަސައްކަތް ކުރާނެ ޖުމްލަ 407 ޑްރައިވަރުން ހޯދުމުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި ހިމެނެނީ 285 ފުލް-ޓައިމް ޑްރައިވަރުންނާއި 122 ޕާޓް-ޓައިމް ޑްރައިވަރުންނެވެ. މި މަސައްކަތަށް ބޭނުންވާ މީހުން ހޯދުމަށް މިދިޔަ ޖެނުއަރީ މަހާއި މި މަހުގެ ތެރޭގައި މާލޭގައި ވޯކް-އިން-އިންޓަވިއުތަކެއް ވެސް ވަނީ ބާއްވާފައެވެ.
އެމްޓީސީސީން ބުނި ގޮތުގައި، މި ޚިދުމަތާ ގުޅެން ބޭނުންވާ ޑްރައިވަރުން ރަޖިސްޓްރީ ވާންޖެހޭނީ އެކަމަށްޓަކައި ހާއްސަކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. “މާލެ ޓެކްސީ” ގެ ޚިދުމަތާ ގުޅޭ މަޢުލޫމާތު ހޯދުމަށް ހާއްސަ ހޮޓްލައިން ނަންބަރެއްގެ ގޮތުގައި 1655 ވަނީ ކަނޑައަޅާފައެވެ.
ސަރުކާރުން ތައާރަފުކުރާ މި ޚިދުމަތަކީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރޯނިކް ވެހިކަލް (އީވީ) ބޭނުންކޮށްގެން ދޭން ނިންމާފައިވާ ޚިދުމަތެކެވެ. ތިން ސައިޒެއްގެ ވެހިކަލް ބޭނުންކޮށްގެން ހަފްތާގެ ހަތް ދުވަހު 24 ގަޑިއިރު ރައްޔިތުންނަށް މި ޚިދުމަތް ލިބޭނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ މި މަސް ނިމުމުގެ ކުރިން ޚިދުމަތް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މިއީ މާލޭގެ ތޮއްޖެހިފައިވާ މަގުތަކުގައި ދަތުރުފަތުރުގެ ދަތިކަން ހައްލުކޮށް، ރައްޔިތުންނަށް އިތުބާރު ހުރި، ލުއިފަސޭހަ އަދި ތިމާވެއްޓާ ރައްޓެހި ޚިދުމަތެއް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.