ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުންގެ ޚިދުމަތުގައި 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވި ޚަބަރު އަޑުއެހީ ފުން ހިތާމައާއެކު ކަމަށެވެ. އަދި އެ މަނިކުފާނަކީ ދިވެހި ސިފައިންނާއި ފުލުހުންގެ މުއައްސަސާގެ އިސް މަގާމުތަކެއް ފުރުއްވައި، މުޅި ޙަޔާތްޕުޅުގައިވެސް ޤައުމު އިސްކުރެއްވި އިޚުލާޞްތެރި ތަޖުރިބާކާރު ބޭފުޅެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
ހާއްސަގޮތެއްގައި، 1988 ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއިން ރާއްޖެ ދިފާޢުކުރެއްވުމަށް ހިތްވަރާއެކު ޖިހާދުކުރެއްވި ދިވެހި ސިފައިންގެ ލަޝްކަރުގައި ޢަބްދުއްޝަކޫރު ހިމެނިވަޑައިގަތްކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ޖަލުތަކުގެ ޙާލަތާއި އިންތިޒާމުތައް ރަނގަޅު ކުރެއްވުމަށާއި، މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރެއްވުމަށް ކުރެވުނު މަސައްކަތްތަކުގައި އޭނާ އަދާކުރެއްވި އިސް ދައުރަށް ރައީސްގެ މެސެޖުގައި އަލިއަޅުއްވާލެއްވިއެވެ.
ހިތާމައިގެ މި ދަނޑިވަޅުގައި، މަރުޙޫމްގެ ޢާއިލާއަށާއި، ދިވެހި ސިފައިންނާއި ފުލުހުންގެ މުއައްސަސާއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި މަރުޙޫމް ޢަބްދުއްޝަކޫރު ޢަބްދުﷲ އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ރައީސް ދުޢާ ކުރެއްވިއެވެ.
ޢަބްދުއްޝަކޫރު ޢަބްދުﷲ އަކީ ފުލުހުންގެ މުއައްސަސާ ވަކި ސިވިލް ޚިދުމަތެއްގެ ގޮތުގައި ހަމަޖެހުނު ފަހުން، އެ މުއައްސަސާގެ ހިންގުން ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި، ގިނަ ބައެއްގެ އިޙްތިރާމް ލިބިވަޑައިގެންފައިވާ ހަރުދަނާ ދިވެހި ދަރިއެކެވެ.