މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އަލަށް ފެށުމަށް ހަމަޖެހިފައިވާ “މާލެ ޓެކްސީ ލައިން” ގެ ޚިދުމަތަށް ބޭނުންވާ ޕާޓް-ޓައިމް ޑްރައިވަރުން، ޑްރައިވަރުންގެ ޕޫލުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި، މި ޚިދުމަތާ ގުޅެން ބޭނުންވާ ޑްރައިވަރުން ރަޖިސްޓްރީ ވާންޖެހޭނީ އެކަމަށްޓަކައި ހާއްސަކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މި މަހުގެ ތެރޭގައި ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާއިރު، މިއީ މި މަސައްކަތަށް ބޭނުންވާ މީހުން ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފުރިހަމައަށް ހިންގުމަށްޓަކައި ޖުމްލަ 407 ޑްރައިވަރުން ބޭނުންވާ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ 285 ފުލް-ޓައިމް ޑްރައިވަރުންނާއި 122 ޕާޓް-ޓައިމް ޑްރައިވަރުންނެވެ. ޑްރައިވަރުން ހޯދުމަށްޓަކައި މިދިޔަ ޖެނުއަރީ މަހާއި މި މަހުގެ ތެރޭގައި އެމްޓީސީސީން ވަނީ މާލޭގައި ވޯކް-އިން-އިންޓަވިއުތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
“މާލެ ޓެކްސީ” ގެ ޚިދުމަތަށް ކަނޑައަޅާފައިވާ ހާއްސަ ހޮޓްލައިން ނަންބަރަކީ 1655 އެވެ.
ސަރުކާރުން ތައާރަފުކުރާ މި ޚިދުމަތަކީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރޯނިކް ވެހިކަލް (އީވީ) ބޭނުންކޮށްގެން ދޭން ނިންމާފައިވާ ޚިދުމަތެކެވެ. އެގޮތުން ތިން ސައިޒެއްގެ ވެހިކަލް މި ޚިދުމަތުގައި ބޭނުންކުރާއިރު، މިއީ ހަފްތާގެ ހަތް ދުވަހު 24 ގަޑިއިރު ރައްޔިތުންނަށް ލިބޭނެ ޚިދުމަތެއް ކަމަށް ސަރުކާރުން ބުނެއެވެ.
ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް ފަށާނެ ސީދާ ތާރީހެއް ސަރުކާރުން އަދި ހާމަކޮށްފައި ނުވި ނަމަވެސް، ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ މި މަސް ނިމުމުގެ ކުރިން ޚިދުމަތް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މިއީ މާލޭގެ ތޮއްޖެހިފައިވާ މަގުތަކުގައި ދަތުރުފަތުރުގެ ދަތިކަން ހައްލުކޮށް، ރައްޔިތުންނަށް އިތުބާރު ހުރި، ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.