ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާ ހަރުދަނާކޮށް، ކޮންމެ ހާލަތެއްގައިވެސް ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުން ކަށަވަރުކުރުމަށް ސަރުކާރުން ހިންގާ “އެންކާ” ނެޓްވޯކްގެ ތެރެއިން، ރާއްޖޭގެ ތިން ބައިނަލްއަޤްވާމީ ބަނދަރު ލޮޖިސްޓިކަލީ ގުޅައިލެވި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިސް ދައުރެއް އަދާކުރާނެ ކަމަށް އިޤްތިސާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، “އެންކާ” ނެޓްވޯކަކީ ރާއްޖޭގެ ތިން ބައިނަލްއަޤްވާމީ ބަނދަރު ކަމަށްވާ، މާލޭ ވިޔަފާރި ބަނދަރު، ކުޅުދުއްފުށި ޕޯޓު، އަދި އައްޑޫ ސިޓީ ވިޔަފާރި ބަނދަރު ލޮޖިސްޓިކަލީ ގުޅައިދިނުމަށް ޤާއިމްކޮށްފައިވާ ނިޒާމެއް ކަމަށެވެ. ލޮޖިސްޓިކްސް ދާއިރާ ހަރުދަނާ ކުރުމަށް ޤާއިމްކޮށްފައިވާ މި ނެޓްވޯކްގެ ތެރެއަށް ރާއްޖޭގައި ހިންގާ އަމިއްލަ ކުންފުނިތަކަށްވެސް ވަނުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް ވަޒީރު ފާހަގަ ކުރެއްވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި، ކޮންމެ ދަނޑިވަޅެއްގައިވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ހުއްޓުމެއްނެތި ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެކެވެ. ވީ ކަމުން، “އެންކާ” ނެޓްވޯކް ހިންގުމުގައި ދައުލަތުގެ ބަނދަރު ހިންގާ ކުންފުނި ކަމަށްވާ އެމްޕީއެލްއިން ލީޑިން ރޯލެއް ނަގަންޖެހޭ ކަމަށް ވަޒީރު ވިދާޅުވި އެވެ. ވަކިން ޚާއްސަކޮށް، ހަމަ ނުޖެހިގެން ދިޔަ ދަނޑިވަޅެއްގައިވެސް ތަކެތި ފޯރުކޮށްދިނުން ކަށަވަރު ކުރެވޭ ނިޒާމެއް ހިންގުމުގައި ދައުލަތުގެ ބައިވެރިވުން ނެތިގެން ނުވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
“ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑްރައި އަދި ވެޓް ސްޓޯރޭޖްތައް ޤާއިމްކުރުމުގެ މަސައްކަތްތައް ކުރެވެމުންދޭ، މި ނިޒާމު ފުރިހަމަވުމުން އާބަން ސެންޓަރުތަކުގެ އިތުރުން ރަށްރަށަށްވެސް ބޭނުންވާ މުދަލާއި ކާބޯތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިވެގެންދާނެ” ވަޒީރު ވިދާޅުވިއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ތަކެތި ރައްކާ ކުރެވޭ ނިޒާމު، ނޭޝަނަލް ސްޓޯރޭޖް ކެޕޭސިޓީ ވަރުގަދަ ކުރުމަށް ސަރުކާރުން ހަލުވި ދުވެލީގައި ކުރިއަށް ގެންދާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި ޑްރައި ސްޓޯރޭޖް އަދި ވެޓް ސްޓޯރޭޖްތައް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި ނިޒާމު ފުރިހަމަވުމުން އާބަން ސެންޓަރުތަކުގެ އިތުރުން ރަށްރަށަށްވެސް ބޭނުންވާ މުދަލާއި ކާބޯތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތާ ގުޅިގެން ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އޮތް ނަމަވެސް، އެސްޓީއޯއިން ރާއްޖެއަށް ބޭނުންވާ ތެލާއި ގޭހުގެ ސްޓޮކް ހުސްނުވެ ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. އެގޮތުން، މިދިޔަ ހޮނިހިރު ދުވަހު ތެލުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ގެނެސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ތިން ސަރަހައްދެއްގައި އެއް އަހަރު ދުވަހަށް ބޭނުންވާނެ ތެޔޮ ރައްކާކުރެވޭނެ ގައުމީ ރިޒާވްއެއް ގާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާކަން ވަނީ ހާމަކުރައްވާފައެވެ.
ސައީދު އިތުރަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ގައުމު ބަނގުރޫޓުވާނެ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް އަމަލީ ސިފައެއް ނާންނަނީ ރައީސް މުއިއްޒުގެ ދުރުވިސްނޭ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. ގައުމު ބަނގުރޫޓު ނުވެ ހިފެހެއްޓުމަކީ ދިވެހި ރައްޔިތުންގެ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި ހަނގުރާމަތަކުގެ ސަބަބުން ރާއްޖެއިން އެއްވެސް ބާވަތެއްގެ މުދަލެއް ހުސްވިޔަ ނުދިނުން ކަމަށާއި، ތަކެތީގެ އަގު އަތްނުފޯރާ ފަށަށް ދިޔަ ނުދީ ހިފެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރަމުންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.