މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ކުރިން ލިބިފައިވާ ބިމެއް ނުވަތަ ފްލެޓެއް ދޫކޮށްލަންޖެހޭ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ތަފުސީލީ އުސޫލު މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން އިއްޔެ އާންމުކޮށްފިއެވެ.
މި އުސޫލަކީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޫކުރުމުގައި، ވަކި ހާލަތްތަކެއްގެ ސަބަބުން ކުރިން ލިބިފައިވާ ތަންތަން ދޫކޮށްލަންޖެހޭ މީހުން އަމަލުކުރަންޖެހޭ އިޖުރާތުތައް ބަޔާންކުރުމަށް އެކުލަވާލާފައިވާ އުސޫލެކެވެ. ހައުސިން މިނިސްޓްރީން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ތަނުގައި މާލެ ސަރަހައްދުން ދޫކުރާ ބޯހިޔާވަހިކަމުގެ ފުރުސަތުތަކުގައި ވެސް އަމަލުކުރާނީ މި އުސޫލުގެ ދަށުންނެވެ.
މި އުސޫލުގެ ބޭނުމަށްޓަކައި މާލެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވަނީ މާލެ، ހުޅުމާލެ، ވިލިނގިލި، ތިލަފުށި، ގުޅިފަޅު، ގިރާވަރުފަޅު އަދި އުތުރުތިލަފަޅެވެ.
ބިން ނުވަތަ ފްލެޓް ދޫކޮށްލެވޭނެ އާއިލީ ފަރާތްތައް:
އެއްވެސް އަގަކާ ނުވަތަ ބަދަލަކާ ނުލައި، އާއިލާ މީހަކަށް ބިން ނުވަތަ ފްލެޓް ދޫކޮށްލުމުގެ ފުރުސަތު މި އުސޫލުގެ ދަށުން ލިބިގެންވެއެވެ:
- މައިންބަފައިންނަށް: އެ މީހެއްގެ އުފަން މަންމަ ނުވަތަ ބައްޕައަށް.
- ދަރިންނަށް: އެ މީހެއްގެ އުފަން ދަރިއަކަށް.
- އަނބިމީހާ ނުވަތަ ފިރިމީހާއަށް: ތަރިކައިގެ އުސޫލުން ލިބޭ ބައި ދޫކޮށްލާ ހާލަތްތަކުގައި.
- އެއްބަނޑުއެއްބަފާ މީހުންނަށް: ތަރިކައިގެ މައްސަލައެއްގެ ތެރެއިން އެކަކަށް ލިބޭ ބައި އަނެކަކަށް ދޫކޮށްލުމުގައި.
ތިމާގެ ފަރާތެއް ނެތް ނަމަ، ދައުލަތަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ފަރާތަކަށް ދޫކޮށްލަންޖެހެއެވެ.
މީގެ އިތުރުން، ބައެއް ހާއްސަ ހާލަތްތަކުގައި އެއްވެސް ބަދަލަކާ ނުލައި ދައުލަތަށް ބިން ދޫކޮށްލަންޖެހޭނެ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި، އަލަށް ލިބޭ ގޯތީގެ ސަބަބުން ނުވަތަ ކުރިން އޮތް ބިމުގެ ކުޑަބޮޑުމިނުގެ ސަބަބުން އިމާރާތްކުރުމަށް ދަތިވާ ހާލަތްތަކާއި، “ބިންވެރިޔާ” ސްކީމް ފަދަ ސަރުކާރުގެ ހާއްސަ ސްކީމްތަކުގެ ދަށުން ގޯތި ލިބޭ ފަރާތްތައް ހިމެނެއެވެ.
ގޯތި ދޫކޮށްލުމުގެ ގޮތުން ބަލާއިރު، ގޯތި ލިބޭ ފަރާތްތަކުން ގޯތި ހަވާލުކުރާ ތާރީޚުން ފެށިގެން 5 އަހަރު ތެރޭ، ކުރިން ލިބިފައިވާ ބިން، ހިލޭ ދޫކޮށްލަންޖެހެއެވެ. ބިންވެރިޔާ ސްކީމުން ކުރިން ލިބިފައިވާ ބިން، ބިންވެރިޔާ ޚާއްސަ ސްކީމުގެ ކެޓަގަރީ 1 ގެ ދަށުން ގޯތި ލިބޭ ހާލަތުގައި، ދައުލަތަށް ހިލޭ ދޫކޮށްލުމަށްފަހު ގޯތި ހަވާލުކުރެވޭނެއެވެ.
ފުލެޓު ދޫކޮށްލުމުގެ ގޮތުން ބަލާއިރު، ފުލެޓު ލިބޭ ފަރާތްތަކުން، ކުރިން ލިބިފައިވާ 1 ނުވަތަ 2 ކޮޓަރީގެ ފުލެޓު، ދައުލަތަށް ހިލޭ ދޫކޮށްލަންޖެހެއެވެ. ދޫކޮށްލާ ފުލެޓު، ހަވާލުކުރި ވަގުތު ހުރި ފެންވަރާ ގާތްކުރާ ހާލަތެއްގައި، ލިބިފައިވާ ގެއްލުންތައް މަރާމާތުކޮށްފައި ހަވާލުކުރަންޖެހެއެވެ.
ފްލެޓް ދޫކޮށްލާ ފަރާތްތަކުން، އެ ތަނެއް ހަވާލުކުރިއިރު ހުރި ފަދަ އެކަށީގެންވާ ފެންވަރަކަށް މަރާމާތުކޮށްފައި ހަވާލުކުރަންޖެހެއެވެ. އަދި ފްލެޓް ދޫކޮށްލުމުގެ ހުރިހާ އިޖުރާތުތަކެއް ފުރިހަމަކޮށް، 30 ދުވަހުގެ ތެރޭގައި އެކަން ހައުސިން މިނިސްޓްރީއަށް އަންގަންޖެހޭނެއެވެ.
ބިމާ ފުލެޓު ދޫކޮށްލާ ފަރާތަކީ، 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ސަރުކާރުގެ ހައުސިންގ ޕްރޮގްރާމަކުން ގޯއްޗެއް ނުވަތަ ފުލެޓެއް ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ. ތިންވަނަ ފަރާތެއްގެ ހައްގެއް ބިމެއް ނުވަތަ ފުލެޓެއްގެ މައްޗަށް ހިނގާ ނަމަ، ދޫކޮށްލުމުގެ ކުރިން ދަރަނި ދައްކައި ހަލާސްކޮށް، ތިންވަނަ ފަރާތެއްގެ ހައްގެއް ނެތްކަން ކަށަވަރުކުރަންޖެހެއެވެ. ދޫކޮށްލުމަށްފަހު ވެސް ދަރަންޏެއް ނުވަތަ ދައުވާއެއް ކޮށްފި ނަމަ، ދޫކޮށްލި ފަރާތުން ފުރިހަމަ ޒިންމާ ނަގަންޖެހެއެވެ.
އިޖުރާތު ފުރިހަމަ ކުރުމުގައި، ޝަރުއީ ކޯޓަށް ހުށަހަޅަންޖެހޭ ހާލަތެއްގައި ބިމުގެ ރަޖިސްޓަރ ލިބޭތާ 30 ދުވަހުގެ ތެރޭ ހުށަހަޅައި، ފުލެޓު ހަވާލުކުރާ ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭ ސަރުކާރުގެ ކުންފުންޏަށް ނުވަތަ އިދާރާއަށް ހުށަހަޅަންޖެހެއެވެ. މި މަރުހަލާތައް ނިމުމުން، 30 ދުވަހުގެ ތެރޭ ލިޔުމުން މިނިސްޓްރީއަށް އެންގަންޖެހެއެވެ. މި އިޖުރާތުތަކަށް އަމަލު ނުކޮށްފި ނަމަ، ލިބިފައިވާ ގޯތި ނުވަތަ ފުލެޓު ދައުލަތަށް އަނބުރާ ނެގޭނެއެވެ.